ހއ ދިއްދޫގައި ހުޅުވި އަމާން ވެއްޓަށް ޖެންޑަރ މިނިސްޓްރީން ބަލަހައްޓަމުން ދާ 15 ކުއްޖަކު ބަދަލުކޮށްފި އެވެ. މި ކުދިން ގޮވައިގެން އެ ރަށަށް ވަޑައިގެންނެވީ ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާއި ސްޓޭޓް މިނިސްޓަރ އާއިޝަތު ރަޝީދާއާއި ޑެޕިޔުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ އެވެ.
ޖެންޑަރ މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި އަތޮޅުތަކުގައި ޤާއިމްކުރާ އަމާންވެށި ތަކަށް ކުދިން ބަދަލުކުރާއިރު، އެކުދިން ދިރިއުޅެމުންދާނީ ދަޢުލަތުގެ ބެލުމުގެދަށުގައި ތިބި އެ އާއިލާއެއްގެ އެހެން ކުދިންނާވެސް އެކުގައި ކަމަށެވެ.
މިކުދިން ރަށުގެ އެހެން އާއިލާތަކާވެސް ގުޅުވައިދޭނެ ކަމަށާއި ދައުލަތުގެ ބެލުމުގެދަށަށް ނަގާ ކުދިން އަތޮޅުތަކުގައި ހަދާފައިވާ މަރުކަޒުތަކަށް ބަދަލުކުރަން ފަށާފައިވަނީ އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު އެކުދިންނަށް ފަހިކޮށްދިނުމަށް ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ މާލޭ ސަރަހައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ އެ ފަދަ މާހައުލެއް ތަނަވަސްކޮށްދިނުން ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ ކުރިން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ބަލަހައްޓަމުން ދިޔަ ކުދިންގެ ތެރެއިން ބައެއް ކުދިން ފުވައްމުލަކާއި ށ. ފުނަދޫ އާއި ބ. އޭދަފުށީގައި ގާއިމްކުރި އަމާން ވެށިތަކަށްވެސްވަނީ ބަދަލުކޮށްފައެވެ. އެގޮތުން ފުވައްމުލަކަށް 16 ކުދިން ފުނަދޫއަށް 16 ކުދިން އަދި އޭދަފުއްޓަށް 17 ކުއްޖަކު ވަނީ ބަދަލު ކޮށްފައެވެ.