އަންހެނުންނާ ގުޅުންހުރި ގިނަ ގާނޫނުތަކަކަށް މިއަހަރުތެރޭގައި އިސްލާހުގެނެވި ގާނޫނީ އޮނިގަނޑު ހަރުދަނާވާނެ ކަމަށް ޖެންޑާރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ޖަލްސާގައި މިނިސްޓަރު ވިދާޅުވީ 2016 ވަނަ އަހަރު ފާސްކޮށް އަމަލުކުރަން ފަށާފައިވާ ޖެންޑަރ އިކުއަލިޓީ ގާނޫނުގެ
ދަށުން ކުރުމަށް ކަނޑައަޅާފައިވާ ގިނަ ކަންކަން އެކިއެކި ގޮންޖެހުންތަކާ ހެދި ނުކުރެވިވާކަމަށެވެ.
އެމިނިސްޓްރީއާ ގުޅުންހުރި ޤާނޫނުތަކަށް މިއަހަރު ގެންނަ އިސްލާހުތަކުގެ މަސައްކަތްތައް ހުރި ހިސާބުތައްވެސް މިނިސްޓަރު ވަނީ އޮޅުން ފިލުވައި ދެއްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ނިމިގެންދިޔަ 2020 ވަނަ އަހަރު ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ޖެންޑަރ އިކުއަލިޓީ ގާނޫނުގެ ދަށުން ހަދަންޖެހޭ ރިޕޯޓްކުރަންޖެހޭ ކަންކަމާއި ރިޕޯޓްކުރުމާއި ބެހޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދާއި ޖެންޑަރ އިކުއަލިޓީ ގާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ލޯކަލް ކައުންސިލްތަކާއި ހަވާލުކުރުމުގެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.
މީގެ އިތުރުން އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދިނުމަށްޓަކައި ރާއްޖޭގައި އަމަލުކުރަމުންދާ އަންހެނުންގެ ހައްގުތަކާއި ގުޅޭ ގާނޫނުތައް މުރާޖާކޮށް އިސްލާހުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތްތަކެއް މިހާރު ފަށާފައިވާކަމަށާއި އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު މުރާޖާކުރެވި އިސްލާހުކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިއަހަރުގެ ތެރޭގައި ޖިންސީކުށުގެ ޤާނޫނާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު މުރާޖާކުރުމުގެ މަސައްކަތް ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޖެންޑަރ ރެސްޕޮންސިވް ބަޖެޓްގެ މަސައްކަތަކީ 2011 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން މަސައްކަތްކުރަން ފެށިފައި އޮތް ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށް އަދި އަމަލީ ސިފައެއް ނާންނަކަމަށާއި އެހެންކަމުން މިސަރުކާރުން އޭޑީބީގެ އެހީތެރިކަމާއެކު މިހާރު މިމަސައްކަތްކުރުމަށް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.