މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށިގެންދާނެކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ހުރީ ޓެންޓަރިންގ މަރުހަލާގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފެނާއި ނަރުދަމާއަކީ ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާކަމެއް ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ނިމިދިޔަ ފެބްރުއަރީ މަހުވެސް ވަނީ 15 ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރުމުގެ އެގްރީމަންޓްތަކުގައި ސޮއި ކޮށްފައެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރުން ހިންގަމުން ދާ މަޝްރޫއުތަކުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރައްވާފަ އެވެ.