އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓެޑުން އުފައްދާ ކޮވިޑް-19 ގެ ވެކްސިން ގަންނަ ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން މިގޮތަށް ނިންމުމާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި ރޭ ވަނީ އެކަން ކުރުމަށް މާލިއްޔަތު ގަވައިދުގެ ބައެއް މާއްދާތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަަށް ކަނޑައަޅައި، ގަރާރެއް ނެރެފައެވެ.
އަމަލު ކުރަން ނުޖެހޭ ކަމަށް ކަނޑައަޅާފައި ވަނީ، މާލިއްޔަތުގެ ގަވައިދުގެ ބީލަން ކުރުމުގެ މަރުހަލާތަކުގެ މާއްދާ އާއި، ކޮންޓްރެކްޓް ހަވާލު ކުރުމާއި، އެޑްވާންސް ފައިސާގެ ގޮތުގައި 15 ޕަސެންޓް ދެވޭ ގޮތަށް އޮތް މާއްދާގެ އިތުރުން އެގްރީމެންޓްކޮށްގެން ހަވާލުކުރާ މަސައްކަތެއް ލަސްވާނަމަ ގެއްލުމުގެ އަގު ދައްކަން ޖެހޭ މާއްދާ އަށެވެ.
މިނިސްޓްރު ސޮއި ކުރައްވާ ނެރުނު "ދައުލަތުގެ މާލިއްޔަތު ގަވައިދަށް ނުވަތަ ގަވައިދުން ބަޔަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ކަނޑައެޅުމާ ބެހޭ ގަރާރު" ގައި ވަނީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދަން ދިވެހި ސަރުކާރާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މި ވެކްސިނަކީ މުޅި ދުނިޔެއަށްވެސް ބޭނުން ޖެހިފައިވާ ވެކްސިނަކަށް ވުމުން މިވަގުތުވެސް ގައުމުތަކަށް ވެކްސިން ދޫކުރަމުން ދަނީ ޕްރޮކިއުމަންޓުގެ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށްވާތީ އަދި މި ބަލިމަޑުކަމުން ރައްޔިތުން ރައްކާތެރި ކުރުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން އެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ގަރާރުގައިވެ އެވެ.
އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވާއިދުން މިނިސްޓަރަށް ލިބިިގެންވާ ބާރުގެ ދަށުން، އެ އެއްބަސްވުން ތަންފީޒުކުރުމައްޓަކައި އެ ގަަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ފިނޭންސް މިނިސްޓަރު ނިންމާފައިވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.