twitterviber whatsapp telegramfacebookyoutube instagram
27th April 2024

ވެށީގެ ހިމާޔަތަށް، އަފީފުއްދީނުން ދެ ލައްކައަށްވުރެ ގިނަ ހުސްފުޅި އެއްކޮށްފި

އަބްދުލް ވާހިދު ޙަސަން
Mar 21, 2021
2

ޕްލާސްޓިކް ހުސްފުޅި އެއްކުރުމަށް އަފީފުއްދީން ސްކޫލުން ފެށި "އެއާރ ޗެލެންޖްގެ" ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. އެ ސްކޫލުން ވަނީ 27 ދުވަހުން 236820 ހުސްފުޅި އެއްކޮށްފަ އެވެ.

މިރަސްމިއްޔާތު ނިންމުން ފާހަގަކުރުމުގެ ގޮތުން ހޮނިހިރުދުވަހު ހަވީރު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ދިވެހި ރެޑްކުރެސެންޓްގެ ހދ ގޮފީގެ ޕްރޮގުރާމް އޮފިސަރު އިބުރާހިމް މުހައްމަދެވެ.

"މިކަން ވެގެން ގޮސްފައިމިވަނީ މިނާޒުކު ތިމާވެއްޓަށް ވަރަށް ބޮޑު ހެޔޮބަދަލެއް ގެނުވި ކަމަކަށް. މި ހަރަކާތުގެ ސަބަބުން މިރަށުގެ ފުއްޓަރު ފަރާތާއި މީނޫންވެސް އާންމު ސަރަހައްދުތަކަށް ޖަމާވެފައި ހުރި އެތައް ސަތޭކަ ޕްލާސްޓިކް ފުޅިއެއް މިވަނީ ނެގިގެންގޮސްފަ." އިބުރާހިމް ވިދާޅުވި އެވެ.

އެތައް ޒަމާނެއް ވަންދެން ރަށުގެ އެކި ސަރަހައްދުތަކުގައި ނުނެގި ހުރި ޕްލާސްޓިކް ފުޅިތައް މި ހަރަކާތުންގެ ސަބަބުން ނެގިގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން އިބުރާހިމް ވިދާޅުވީ، މިހަރަކާތުގެ ހެޔޮ އަސަރު ކައިރި އަތޮޅުތަކުންގެ ރަށްތަކަށްވެސް ކޮށްފައިވާ ކަމަށެވެ.

"ޕްލާސްޓިކަކީ ވަރަށް ކަންބޮޑުވާން ޖެހޭ ބޮޑު މައްސަލައެއްގެ ގޮތުގައި މިވަނީ ފާހަގަކުރެވިފަ.، އެއްގޮތަކުން ބުނާނަމަ ޕްލާސްޓިކަކީ ޑިޒާސްޓާއެއް." އިބުރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިއްހީގޮތުން ބަލާއިރުވެސް ޕްލާސްޓިކްގެ ނުރަނގަޅު އަސަރު ވަރަށް ބޮޑަށް އެބަކުރަމުންދާ ކަން އެކި ދިރާސާތަކުން ފެންނަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ބިނާވެފައިވަނީ ކަނޑަށްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ފަތުރުވެރިކަމަށާއި މަސްވެރިކަމަށް ޕްލާސްޓިކްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

މޫދަށާއި ކަނޑަށް ގިނަ އަދަދަކަށް ޕްލާސްޓިކް އުކާލުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އެތަކެތި ކެވި އޭގެ އަސަރު ސީދާގޮތުން އިންސާނުންނާ ހަމައަށް ފޯރާ، ސިއްހަތަށް ޕްލާސްޓިކްގެ ނުރައްކާ ވަރަށް ބޮޑުވާ ކަމަށެވެ.

ރަށްރަށުގެ އެކި ސަރަހައްދުތަކަށް ޕްލާސްޓިކް އުކާލެވިފައި ހުރުމުގެ ސަބަބުން ފެން ހަރުލައި މަދިރި އުފެދި މަދިރިން އުފެދޭ ތަފާތު ބަލިތައް ފެތުރެން މެދުވެރިވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

27 ދުވަހުން، ދުވާލަކު 8700 އަށްވުރެގިނަ ހުސްފުޅި އެއްކުރެވިފައިވާކަން ފާހަގަކުރައްވަމުން އެ ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ، މި ފުޅުތައް އެއްނުކުރިނަމަ މި ހުންނާނީ ކޮންމެވެސް ދިމާއަށް އުކާލެވިފައި ކަމަށެވެ.

"ވާރޭވެހޭ މޫސުމެއްގައި ވިއްޔާ ފެން އެޅި މަދިރި އާލާވެ، މޫދަށް އެއްލާލައިފިނަމަ ކޮންމެވެސް މަހެއް އޭތި ކާލައިގެން އެ މަސްމަރުވާނެ." ނާސިހާ ވިދާޅުވި އެވެ.

"ހަގީގަތުގައި މި ހަރަކާތުގެ އެންމެ ބޮޑު މަގުސަދަކީ މިހެން އުކާލެވިފައި ހުރި ފުޅިތައް ދާންވީ ރަނގަޅު މިސްރާބަށް ގެންގޮސް، ދެވަނަ ފަހަރަށް އޭތި ރިސައިކަލް ކުރެވިގެން އޭތި އަޅުގަނޑުމެންނަށް ގެއްލުމެއް ނުވާނެ ބީދައަކުން އެ އެހެން ގޮތަކަށް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައިދެވުން" ޕްރިންސިޕަލް ވިދާޅުވި އެވެ.

އެ ސްކޫލުން މިކަމަށް އިސްނެގި ސަބަބު ހާމަކުރައްވަމުން އޭނާ ވިދާޅުވީ މިއީ އަދުގެ ސަރުކާރުން ވަރަށް އިސްކަމެއްދެއްވައިގެން ދިވެހިރާއްޖެއަކީ އެއްފަހަރު ގެންގުޅިފައި އުކާލަން ޖެހޭ ޕްލާސްޓިކް ބޭނުންނުކުރާ ގައުމަކަށް ހެދުމަށްޓަކާ ފެއްޓެވި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެށި ހަރަކާތެއް ކަމަށެވެ. އަދި ހަމައެއާއެކު ޕާލޭއާ އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާ ގުޅިގެން ސްކޫލުތަކުން ކުރިއަށްގެންދާ ހަރަކާތަށް ހިއްވަރުދީ އެ ސްކޫލުން ހިއްސާ ދިނުމުގެ ގޮތުންކަމަށެވެ.

"މިއަދު އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވަން ކެރޭނެ އަޅުގަނޑުމެންގެ ކުދިން އަޅުގަނޑުމެން ބެލެނިވެރިން، އަޅުގަނޑުމެންގެ މުވައްޒަފުން މިކަހަލަ ކަންކަން މިކުރަނީ ކޮންމެހެން ލިބޭ މެޑެލްއެއް ސައިޒަކަށް އޭގެ އަގަކަށް ބަލައިގެން ނޫންކަން. އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންނަށް ގައުމު ކޮށްދޭ ކަމެއް ބަލާކަށް ނޫނޭ. އަފީފުއްދީންގެ ކޮންމެ ދަރިވަރެއްވެސް މިބުނަނީ މިހެންނޭ. ބަލަ އަޅުގަނޑުމެން ގައުމަށް ކޮންމެވެސް ކަމެއް ކޮށްދެނީޔޭ. އަޅުގަނޑުމެންގެ ހިއްސާ ގައުމަށް އަދާކޮށްދެނީޔޭ. މީހަކު އެއްޗެއް ދިނަސް ނުދިނަސް ތިމަންނަމެއްގެ ވާޖިބު އަދާކުރާނަމޭ." ނާސިހާ ވިދާޅުވި އެވެ.

މިއީ މިހަރަކާތުގެ ފެށުން ކަމަށާއި ކޮންމެ ކުއާޓާއެއްގެ އެއްފަހަރު ސްކޫލަށް ފުޅި އެއްކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ 2021 ވަނަ އަހަރުގެ ކިޔެވުން އޮގަސްޓްގެ ކިޔެވުންދާއިރު އޮގަސްޓް ނިމުމުގެ ކުރިން އަނެއްކާވެސް ފުޅި އެއްކުރަން ފަށާނެ ކަމަށެވެ.

މި ހަރަކާތަށް ބެލެނިވެރިންގެ ފަރާތުން 20 ހާހަށްވުރެގިނަ ފުޅި ގެނެސްދީފައިވެ އެވެ އަދި އެކި ދަރިވަރުންނަށާއި ބެލެނިވެރިން އަދި މުވައްޒަފުންނަށް މެޑަލްއާއި ޓްރޮފީ ހަވާލުކޮށްފައިވެ އެވެ. މިހަރަކާތުން އެއްކުރި ފުޅިތައް ޕާލޭއާ ވަނީ ހަވާލުރަން ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355