ކޮވިޑް-19 އާ ދެކޮޅަށް ކުޅުދުއްފުށި ސިޓީން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 4998 މީހުންކަން ތަފާސް ހިސާބުން ދައްކައިފި އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ކުޅުދުއްފުށީގައި ވެކްސިން ޖަހަން ފެށީ ފެބްރުއަރީމަހު ފުރަތަމަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މިދިޔަ ބުރާސްފައްޗާ ހަމައަށް ވެކްސިން ޖަހާފައިވަނީ 4998 މީހުންނެވެ. އެއީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަހު ދުވަހެވެ. ބުރާސްފަތި ދުވަހު ވެކްސިން ޖަހާފައިވަނީ 357 މީހުންނެވެ.
ހދ އަތޮޅުން ވެކްސިން ޖެހި ޖުމްލަ އަދަދަށް ބަލާއިރު މިހާތަނަށް 9205 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. ކުޅުދުއްފުށިން ވެކްސިން ޖެހީ 4998 މީހުނެވެ. މީގެ އިތުރުން ނޮޅިވަރަމުން ވެކްސިން ޖެހީ 652 މީހުންނެވެ.
އެހެން ރަށްތަކަށް ބަލާއިރު ހަނިމާދޫން 600 މީހުން ކޮވިޑް-19 ވެކްސިން ޖަހާފައިވާއިރު މަކުނުދޫއިން ވެކްސިން ޖެހީ 492 މީހެކެވެ. އަދި ނޮޅިވަރަންފަރުން ވެކްސިން ޖަހާފައިވަނީ 489 މީހުންނެވެ.
363 މީހުން ވައިކަރަދޫން ވެކްސިން ޖަހާފައިވާއިރު ނެއްލައިދޫން ވެކްސިން ޖެހީ 356 މީހެކެވެ. ނޭކުރެންދޫން ވެކްސިން ޖެހީ 301 މީހުންނެވެ. އަދި މީގެ އިތުރުން ކުމުންދޫން 286 މީހުން ވެކްސިން ޖެހިއިރު ކުރިނބީ ވެކްސިން ޖެހީ 189 މީހެކެވެ. ފިނޭއިން ވެކްސިން ޖެހީ 180 މީހުންނެވެ. އަދި ނާވައިދޫން 179 މީހުން ވެކްސިން ޖެހއިރު ހިރިމަރަދޫއިން ވެކްސިން ޖަހާފައިވަނީ 120 މީހެކެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ކުޅުދުއްފުށީގައި ހުއްޓާލާފައިވާއިރު އިތުރު ވެކްސިން ޖެހުމުގެ ބުރެއް ކުރިއަށްގެންދާނެކަން އަދި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ހާއްސަ ހާލަތުގައި ވެކްސިން ނުޖެހި ހުރި ފަރާތްތަކަށް ވެކްސިން ޖަހާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.