twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

ޚަދީޖާ އާދަމް
Mar 27, 2021

މިދިޔަ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގުކުރެއްވި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި އެވެ.

މި ގާނޫނަކީ ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި ތަންފީޒުކޮށް އަމަން ހާންމާއި ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރާއި އިހްތިޔާރު ފުލުހުންނަށް ދީފައިވާ ގާނޫނެކެވެ.

މި ޤާނޫނުގައި ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް ހިންގުމަށްވަނީ ފުޅާދާއިރާއެއްގައި ފުރުސަތު ލިބިދީފައެވެ. އަދި 7 މެމްބަރުންގެ ފުލުހުންގެ ބޯޑެއް އެކުލަވާލަން ޖެހޭއިރު 5 މެމްބަރުންގެ އިސްތިއުނާފު ބޯޑެއްގެވެސް މިބިލާއެކު އެކުލަވާލަންޖެހެއެވެ.

ބިލުގައި ވަނީ ފުލުހުންގެ މިހާރު ތިއްބެވި ބައެއް މަގާމުތައް އަލުން ޢައްޔަން ކުރުމަށްވެސް ފާސްކޮށްފައެވެ. އަދި މިބިލުގައި ފުލުހުންގެ ތެރޭގައި ބަޣާވާތްކޮށްފިނަމަ އަމަލުކުރާނެ ގޮތުގެ ތަފްސީލުވެސް ހިމަނާފައިވެއެވެ.

މި ގާނޫނުން ފުލުހުންނަށް ހަތިޔާރު ހޯދުމާއި ގެންގުޅުމުގެ ބާރު ލިބިދޭއިރު، ފުލުހުންނަށް "ލެސް ލީތަލް" ހަތިޔާރު ބޭނުން ކުރުމުގެ ބާރުވަނީ ލިބިގެންގޮސްފައެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ފުލުހުންގެ ގާނޫނު ގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ހިދުމަތަށް" އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް"އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355