މިދިޔަ ފެބުރުއަރީ މަހު ޖެންޑާ މިނިސްޓްރީއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ހުށައަޅާފައިވާ ކަަމަށް އެ މިިނިސްޓްރީން ބުނެފި އެވެ.
ފެބްރުއަރީ މަހު 186 މަައްސަލައެއް އެ މިނިސްޓްރީއަށް ހުށައެޅިފައިވާކަމަށާއި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ.
އެގޮތުން އެބާވަތުގެ 25 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އޭގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 21 މައްސަލަ، އިހުމާލުވުމުގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ ނުވަ މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ އަށް މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ އަށް މައްސަލަ ހިމެނޭ ކަމަށާއި މީގެ އިތުރުން އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލަ އަދި އެހެންކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލައެއްވެސް ހުށައަޅާފައިވާ ކަމަށެވެ.
ފެބުރުއަރީ މަހު އާއިލީ 21 މައްސަލަ މިނިސްޓްރީއަށް ހުށަހެޅި އެވެ. އޭގެ ތެރޭގައި ހަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 18 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ ދެ މައްސަލަ އަދި ދަރިންނަށް ހަރަދު ދިނުމުގައި ދިމާވާ އެއް މައްސަލަ ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލަ ވެސް މިދިޔަ މަހު ހުށަހަޅައި އެޓެންޑުކޮށްފައިވެ އެވެ. ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލައާއި ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 12 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 10 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ދެ މައްސަލަ އެވެ.
އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 10 މައްސަލަ ފެބުރުއަރީ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެ އެވެ.