ފުލުހުންގެ ހިދުމަތުގައި އަންހެނުން ގާއިމްވެ ތިބޭތާ 33 އަހަރު ފަހުން، ފުރަތަމަ ފަހަރަށް ސުޕްރިންޓެންޑެންޓްގެ ރޭންކަށް އަންހެން އޮފިސަރުން އައްޔަންކޮށްފި އެވެ.
އެ މަގާމުގެ ކުރިއެރުން ދީފައިވަނީ ޗީފް އިންސެޕްޓާ އޮފް ޕޮލިސްގެ ރޭންކުގައި ތިއްބެވި ފާތިމަތު ނަޝްވާ އާއި އިޒްމިއާ ޒާހިރު އަދި މަރިޔަމް އަޒްމާއަށެވެ.
ފުލުހުންގެ ހިދުމަތުގައި 25 އަހަރު ހޭދަކުރައްވާފައިވާ ނަޝްވާއަށް 2018 ވަނަ އަހަރު ރެހެންދި އެވޯޑު ލިބިވަޑައިގެންފައިވެ އެވެ.
މާސް ކޮމިއުނިކޭޝަން އިން ޑިގްރީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ނަޝްވާ މި ވަގުތު ހުންނެވީ އަޕަ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށެވެ.
އޭނާ ވަނީ އެޑްމިން އޮފިސަރުކަމުން ފެށިގެން ޔުނިޓް ލެވެލް އާއި ޑެޕިއުޓީ ހެޑްގެ މަގާމާއި ހެޑް އޮފް ޑިޕާޓްމަންޓުކަން ކުރައްވައިފަ އެވެ. އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ހައިސިއްޔަތުން ކުށްމަދުކުރުމަށް ވެސް އޭނާ ގިނަ ހަރަކާތްތަކެއް ހިންގާފައި ވެ އެވެ.
ފުލުހުންގެ މުއައްސަސާއަށް އައްޔަންކުރެެއްވި އެންމެ ފުރަތަމަ އަންހެން ތަރުޖަމާނު އިޒްމިއާ ފާހަގަކުރެވިފައިވަނީ އެ އިދާރާގައި އަންހެނުންގެ ދައުރު ފުޅާކުރަން ގިނަގުނަ މަސައްކަތްކަތްތަކެއް ކުރައްވަމުން ގެންދަވާ އަދި އެކަން ސާބިތުކޮދެއްވާ އޮފިސަރެއްގެ ގޮތުގަ އެވެ.
ފުލުހުންގެ ކޮމިޝަންޑް މަދު އަންހެން އޮފިސަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާއިރު ރާއްޖޭގެ ޑިވިޒަނެއްގައި ފުރަތަމަ ފަހަރަށް ކޮމާންޑަރުކަން ކުރެއްވި އަންހެން އޮފިސަރަކީ ވެސް އިޒްމިއާ އެވެ.
އޭނާ ވަނީ އޮސްޓްރޭލިއާ އިން "ޕީސް އެންޑް ކޮންފްލިކްޓް ސްޓަޑީޒް" އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ. ފުލުހުންގެ ހިދުމަތުގަައި 16 އަހަރުވެއްޖެ އެވެ.
އަޒްމާ އަކީ އެންމެ ދިގު މުއްދަތަކަށް ފުލުހުންގެ މުއައްސަސާ އަށް ހިދުމަތް ކުރައްވާފައިވާ އެއް އަންހެން އޮފިސަރެވެ. އެ އިދާރާއަށް 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައި އަދި މިހާރު ސެންޓްރަލް ޕޮލިސް ޑިވިޒަން ކޮމާންޑަރަކަށް ހުންނެވި އަޒްމާ އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވީ އިންވެސްޓިގޭޝަން ދާއިރާގަ އެވެ.
ފުލުހުންގެ ފުރަތަމަ އަންހެން ޑްރައިވަރަށް ވުމާއި އެންމެ ފުރަތަމަ އަންހެން އެޓޯލް ކޮމާންޑަރުކަން ވެސް ކުރެއްވީ އޭނާ އެވެ.
ހުންގެ ތެރޭގަައި އަންހެނުންގެ ދައުރު ފުޅާކޮށް އަންހެނުން ބާރުވެރިކުރުމަށް އުފައްދާފައިވާ މޯލްޑިވްސް ވިމެން އިން ޕޮލިސިން ނެޓްވޯކުގެ ރައީސްގެ މަގާމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އައްޔަންކުރެއްވީ އަޒްމާ އެވެ.