ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބަކީ އެތައް ގޮތަކުން ކުޅުދުއްފުއްޓަށް ހާއްސަވެގެން ދިޔަ އިންތިހާބެކެވެ. އާބާދީގައި ދިހަހާސް ހަމަވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު 31 ވަނަ ދުވަހު ދެއްވުމާ ގުޅިގެން އެއިރު ބޯމަތިން ވަމުން އައި ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުއްޓަށް ފުރަތަމަ ފަހަރަށް ސިޓީ ކައުންސިލެއް ހޮވާނެކަން ޔަގީން ވެގެންދިޔަ އެވެ.
އެ ހުވަފެނުގައި ކުލަޖެހެން ރަށުގެ ރަައްޔިތުން ދިގު އިންތިޒާރެއް ކުރަންޖެހުނެވެ. ކޮވިޑް-19 ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު އަހަރެއްހާ ދުވަހަށް ލަސްވެގެން ދިޔައިރު ރަށަށް ރަސްމީކޮށް ސިޓީއެއްގެ ދަރަޖަ ލިބުން ލަސްވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އިންތިހާބު ލަސްވުމެވެ.
އެހެންކަމުން ނިމިދިޔަ އިންތިހާބަކީ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެހިގެން ދިޔަ އިންތިހާބެކެވެ. އެހެންނަމަވެސް އަދިވެސް އިންތިހާބު ފޯރި އެބައޮތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ކުޅުދުއްފުއްޓަށް މޭޔަރަކު ލިބިއްޖެ އެވެ. މިހާރު ކުރެވޭ ބަހުސަކީ ޑެޕިއުޓީ މޭޔަރަކަށް ވާނެ ބޭފުޅަކާ މެދު އެވެ.
ކުރިންވެސް ބުނި ފަދައިން މި އިންތިހާބު ވެގެން ދިޔައީ މިރަށަށް ހާއްސަ އިންތިހާބަކަށެވެ. އެހެން އަހަރުތަކާ އެތަށް ތަފާތެއް ފެނިގެން ދިޔައެވެ. އެންމެ ބޮޑު އެއްތަފާތެއްގެ ގޮތުގައި ފާހަގަ ވެގެންދިޔައީ މިފަހަރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ދެ ޕާޓީންވެސް ރަށުގެ 6 ދާއިރާއަށް ވާދަކުރިއިރު، ޖުމްލަކޮށް ދެ ޕާޓީންވެސް ނެރުނު ގިނަ ކެންޑިޑޭޓުންނަކީ ތައުލީމީ ގާބިލު ބޭފުޅުންނެވެ. އަަދި އަމިއްލަ ގޮތުން ވާދަ ކުރި ފަރާތްތަކަކީވެސް ތައުލީމީ ބޭފުޅުންކަން ފާހަގަ ކޮށްލެވެއެވެ. މިއީ ކުޅުދުއްފުށީގެ ތާރީހުގައިވެސް އިންތިހާބަކަށް ވާދަކުރަން މިހާ ގާބިލު ޓީމެއް ނުކުތް ފުރަތަމަ ފަހަރެވެ.
އެހެންކަމުން ފުރަތަމަ ސިޓީ ކައުންސިލަށް ރައްޔިތުން ހޮވާފައި މިތިބި ފަރާތްތަކަކީ އެކަމަށް އެންމެ ގާބިލް، ކަމުގެ ޒިންމާ އެންމެ ފުރިހަމައަށް އުފުލާނެކަމަށް ރައްޔިތުން ގަބޫލުުކުރި 7 ފަރާތެކެވެ. ދެން ޑެޕިއުޓީ މޭޔަރަކަށް ވާނެ ފަރާތަކާމެދު ބަހުސަކަށް ދަމާ ހިނގާށެވެ.
އެމަގާމަށް އެންމެ ގާބިލުކަމަށް ފެންނަ ދެ ކެންޑިޑޭޓުންނަކީ އިރު ދެކުނު ދާއިރާގެ ކެންޑިޑޭޓު އަލީ އަހުމަދާއި މެދު ދެކުނު ދާއިރާގެ ކެންޑިޑޭޓު އާތިފާ އަލީ އެވެ. ހުރިހާ ކެންޑިޑޭޓުންނާއި އަޅާބަލާއިރު މި ދެ ކެންޑިޑޭޓުންނަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންވެސް ފުންނާބު އުސް ދެ ކެންޑިޑޭޓުންނެވެ. މި މައުޟޫއަށް އެހެން ބައެއް ފަރާތްތަކުގެ ހިޔާލުވެސް އަޅުގަނޑު ހޯދާލީމެވެ.
"އަޅުގަނޑު ބެލީ އެބޭފުޅުންގެ އެކަޑެމިކް ޕްރޮފައިލްއަށް، ގާބިލްކަމަށް ބަލާއިރު މިހާރު ސިޔާސީ ނިޒާމު މި އޮންނަ ގޮތަކީ މައި ސަރުކާރުން ވާގިދިން ބަޔަކު މަސައްކަތްތައް ކުރާނެ. ތައުލީމީ ގޮތުން ގާބިލު ބޭފުޅެއް އެންމެ ރަނގަޅު ވާނީ. އަލީ އެތަނުގައި ހުންނާނީ އަޅުގަނޑު ދެކޭގޮތުގަ. ތައުލީމީގޮތުން ގާބިލު ބޭފުޅަކަށް މިހާރު ތިބި ބޭފުޅުންގެ ތެރެއިން ހުރީ އަލީ" މިއީ ކުޅުދުއްފުށީގެ ސަރުކާރު އިދާރާއެއްގެ ވެރިއަކާ ސުވާލުކޮށްލުމުން ދެއްވި ޖަވާބެވެ.
އާތިފާއާއި ބެހޭގޮތުން ސުވާލުކޮށްލުމުން އެބޭފުޅާ ވިދާޅުވީ ކެންޑިޑޭޓުންގެ ތެރޭގައި ހުރި އެންމެ "ބެސްޓް" އެއް ބޭފުޅާއަކީ އާތިފާކަމަށެވެ. "ދެން ޕާފޯމެންސާ ހުރިހާ އެއްޗަކަށް އެބަޖެހޭ ބަލަން، އެތަނުގައި ހުރި އެންމެ ބެސްޓް އެއް ބޭފުޅާގެ ނަން ތި ވިދާޅުވީ. އެކަމަކު އިންކޭސް މޭޔަރު އެތަނުގައި ނެތި، އޭނައަށް ކަމެއް ނުކުރެވޭ ހިނދެއްގައި ދެން އަންނާނީ ކާކުބާއޭ އެހެންވެސް ވިސްނަން އެބަަޖެހޭ. އެހެންވީމަ އެކްޓިވްކޮށް އުޅެން ކުޑަ ތާއްޓެއްވާނެ" އާތިފާއާއި ބެހޭގޮތުން އެބޭފުޅާ ވިދާޅުވީ މިހެންނެވެ.
ކުޅުދުއްފުށީގައި ސިޔާސީ ކަންކަމުގައި އެންމެ ކުރިންސުރެވެސް އުޅުއްވާ ފަރާތަކާ ސުވާލުކޮށްލުމުން އޭނާ ވިދާޅުވީ އެ މަގާމަށް އެންމެ ކަމުދަނީ އަހުމަދު އަބްދުﷲ (ރޯޒޭ) އާއި އާތިފާ އަލީ ކަމަށެވެ. އާތިފާ އަލީ އިހްތިޔާރު ކުރެއްވީ ކީއްވެތޯ ސުވާލުކޮށްލުމުން ވިދާޅުވީ އަންހެނުން ބާރުވެރި ކުރުމުގެ ގޮތުން ޑެޕިއުޓީ މޭޔަރަކަށް އަންހެނަކު ހުރުން ރަނގަޅުކަމަށެވެ. މިހާރު ތިބި މެންބަރުންގެ ތެރެއިން އާތިފާ އަކީ ގާބިލު ބޭފުޅެއް ކަމަށެވެ.
"މާލޭގައިވެސް މި ދައުރުގައި މޭޔަރަކަށް މި ހުންނެވީ އަންހެން ބޭފުޅެއް. އާތިފާއަކީ ކިޔަވައިގެން ހުރި އަދި ރެޑްކްރެސެންޓްގައި ވެސް ސީނިއާ މަގާމުތަކެއް ފުރުއްވާފައި ހުރި ބޭފުޅަކަށްވެފައި އާތިފާއަކީ އެކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅާކަމަށް އަޅުގަނޑު ގަބޫލު ކުރަނީ" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ތެރޭގައި ހަރަކާތްތެރިކޮށް އުޅުއްވާފަރާތަކާ ހަމަ މި ސުވާލުކޮށްލީމެވެ. "އަލީއަށް އެންމެ ބޮޑަށް ބުރަވެވެނީ ތަޖުރިބާއަށް ބަލާފަ. އަލީ މީހަކު ބުނާހާ ޑިޒިޝަންއެއް ނުނަގާނެ. މިސާލަކަށް މިހާރު ބިމުގެ ހާލަތަށް ބަލާފައި ބޮޑެތި ކުންފުނިތަކުން އާދޭ މިވެނި އޮފީހެއް ގާއިމުކުރަން ބިމެއް ބޭނުމޭ މިހާވަރަށް. އަހަރެމެން މޭޔަރަކު ނޫނީ ޑެޕިއުޓީ މޭޔަރަކަށް މީހަކު ގެންނައިރު ބަލަންޖެހޭނެތާ މިރަށުގަ މި އޮންނަ ބިމުގެ ކެޕޭސިޓީ ބަލާފަ ޗޫޒްކުރަން އެނގޭވަރު މީހެއް. ހަމަ ޔަގީނުންވެސް އަލީި ވިއްޔާ ބަލާނެ އެންމެ އިންސާފުވެރި ގޮތް. އެ ބިން އެހާބޮޑަ ނުދިނަސް، މިހާ ކުޑަކޮށް ދީގެންވެސް މިކަން ކުރެވޭނެކަން. އެކަހަލަ ކަންކަމަށް އޭނަ ވަރަށް ބޮޑަށް ބާރު އަޅާނެ ހަމަގައިމުވެސް. އާތިފާއަކީވެސް ހަމަ ވަރަށް ރަނގަޅު ކުއްޖެ. އެކަމަކު އެހާ މަޑުމައިތިިރިވެގެންވެސް މިކަހަަލަ ކަންކަމެއް ނުވާނެ އަސްލުގަ ޑިޒިޝަންތައް ނަގާއިރުވެސް. އެ ބޭފުޅުންތަކުގެ ތެރެއިން ހަމަ އެންމެ ގާބިލު މީހަކީ އަލީ" އޭނާ ވިދާޅުވި އެވެ.
ބައެއް އާންމު ރައްޔިތުންގެ ހިޔާލަށް ބަލާއިރު އެއް ބޭފުޅަކު ވިދާޅުވީ އަލަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދާއިރު ޑެޕިއުޓީ މޭޔަރަކަށް އަންހެނަކު ކުރުން ރަނގަޅުކަމަށެވެ. "ވަކި އަންހެނަކަށް ނުވާނެކަމެއް ނޫން މިއީ. ބޭރުގެ ޔުނިވަރސިޓީތަކުން ކިޔަވައިގެން ހުރި ޒިންމާދާރު ވަޒީފާތަކެއް އަދާކޮށްފަ ހުރި ފަރާތެއް އާތިފާއަކީ. ދެން ރަށުގެ މޭޔަރަކީ އުތުރު ކޮޅުން އައިސް ހުރި ބޭފުޅެއް އެއްގޮތަކުން ބުނާނަމަ. ޑެޕިއުޓީ މޭޔަރު ހޮވަންވާނީ އަނެއް ފަޅިން ދެއްތޯ. ދެކުނު ފަޅިން އެންމެ ގާބިލު ބޭފުޅަކީ އާތިފާކަމަށް ގަބޫލު ކުރަނީ."
މި ދެ ކެންޑިޑޭޓުންނަށް ބަލާލާއިރު ސްކޫލް ދައުރުގައިވެސް ތައުލީމީ ގޮތުން ފާހަގަކޮށްލެވުނު އާތިފާ އަލީއަކީ އޯޕަން ޔުނިވާސިޓީ މެލޭސިއާ އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ.) ހާސިލްކޮށް، ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯރ އަދި ކެނެޑާގެ ޔުނިވާސިޓީ އޮފް ޓޮރޮންޓޯ އިން ބެޗްލަރ އޮފް ސައިންސް ހާސިލްކޮށްފައިވާ ފަރާތެކެވެ. ކުޅުދުއްފުށީ ބިޒްނަސް ސެންޓަރ، މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ، އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ ގައި އާތިފާ ވަޒީފާ އާދާކުރައްވާފައިވެއެވެ.
އަލީ އަހުމަދަކީ 2010 ވަނަ އަަހަރު ނޭޝަނަލް ޓޮޕް ޓެންގައި 4 ވަނާގައި ހިމެނިފައިވާ ފަރާތެކެވެ. މީގެ އިތުރުން އަލީ ވަނީ އިންގްލެންޑްގެ އަންގްލިއާ ރަސްކިން ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މިޑްލްސެކްސް ޔުނިވާރސިޓީ ލަންޑަން އިން ބެޗްލަރ އޮފް އާރޓްސް އިން ބިޒްނަސް އެންޑް މާކެޓިން ހާސިލް ކުރައްވާފައެވެ. މީގެ ކުރިން އެކޮނިމިކް މިނިސްޓްރީ އަދި ކުޅުދުއްފުށީ ބިޒްނަސް ސެންޓަރުގައި ވަޒީފާ އަދާކޮށްފައިވާ އަލީ އެންމެ ފަހުން ހުންނެވީ ފެން ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައެވެ.