twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުމަރުގެފާނު، އަލީގެފާނާ ކުރެއްވި ތިން ސުވާލެއް

Apr 24, 2021

އަބްދުﷲ ބިން އުމަރު ރިވާކުރައްވާފައި ވެއެވެ. އެއްދުވަހަކު އުމަރުގެފާނު އަލީގެފާނާއި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އޭ ހަސަނުގެ ބައްޕައެވެ. އަހަރެމެން ރަސޫލާގެ އަރިހުގައި ނެތް ވަގުތު ތަކުގައި ކަލޭގެފާނު ރަސޫލާ އަރިހުގަ ހުންނެވި އެވެ. އަދި ކަލޭގެފާނު ރަސޫލާގެ އަރިހުގައި ނެތް ވަގުތުތަކުގައި އަހަރެމެން ރަސޫލާގެ އަރިހުގަ ތިބީމުއެވެ. އަހަރެންގެ ތިން ސުވާލެއް އެބަ އޮތެވެ. އެއާ ބެހޭގޮތުން އެއްވެސް އެއްޗެއް އެނގިވަޑައިގަންނަވާތޯއެވެ.

އަލީގެފާނު ސުވާލުކުރި އެވެ؛ އެއީ ކޮން ތިން ސުވާލެއް ހެއްޔެވެ.

އުމަރުގެފާނު ސުވާލުކުރި އެވެ. މީހަކަށް މީހެއްގެ ކިބައިން ރަނގަޅެއް ނުފެނި މީހަކު ކަމުދިއުމާއި މީހެއްގެ ކިބައިން ގޯސްކަމެއް ނުފެނި މީހަކު ކަމުނުދިޔުމަކީ ވެދާނެކަމެއް ހެއްޔެވެ؟

އަލީގެފާނު ދެންނެވިއެވެ؛ އެއީ ވެދާނެ ކަމެކެވެ. އެއްދުވަހަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަރިހުގައި އިންނަވަނިކޮށް ހަދީޘްކުރެއްވިއެވެ. ހުރިހާ އިންސާނުންގެ ރޫހުތައް ދުނިޔެއަށް ފޮނުއްވުމުގެ ކުރިން ވަނީ ރޫހާނީ އާލަމްއެއްގައެވެ. އެތަނުގައި އެއް ރޫހް އަނެއް ރޫހާ ބައްދަލުވެ އެކަކު އަނެކަކު ދެނެގަނެއެވެ. އަދި ދުނިޔެއިން އެ މީހުންނާ ގުޅުނު މީހުން ފެނުމުން އެމީހުން ކަމުދެއެވެ. އަދި އެތަނުގައި ނުގުޅޭ މީހުން ފެނުމުން ކަމު ނުދާގޮތް ވެއެވެ.

އުމަރުގެފާނު ވިދާޅުވި އެވެ؛ އެވީ އެއް ސުވާލެވެ. އަދި ތިމަންނައަށް ޖަވާބެއްވެސް ލިބިއްޖެ އެވެ. ދެވަނަ ސުވާލަކީ މީހަކު ވާހަކަ ދައްކަމުން ގޮސް އެއްޗެއް ބުނަން ހަނދާންވެފަ ކުއްލިއަކަށް ‘ހަނދާން ނެތެނީ ކީއްވެ ހެއްޔެވެ.

އަލީގެފާނު ދެންނެވިއެވެ؛ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. ހަނދަށް ވިލާއެޅި ހަނދު ފޮރުވޭހެން ހިތުގަވެސް ހިތް ފޮރުވޭނެކަހަލަ "ވިލާތަކެއް" ވެއެވެ. އަލިގަދަ ހަނދު މައްޗަށް ވިލާ އެޅުމުން ހަނދުގެ ވިދުން ފަނޑުވެއެވެ. ނަމަވެސް އެ ވިލާ ހުރަސްކޮށް ދިއުމުން އަލިކަން އަނެއްކާވެސް އަނބުރާ ލިބެ އެވެ. ހަމަ އެގޮތަށް މީހަކު ވާހަކަ ދައްކަމުން ދަނިކޮށް "ވިލާގަނޑެއްގެ" ހިޔަނި ހިތައް އެޅުމުން އެ ވާހަކަ ކުއްލިއަކަށް ހަނދާންނެތެއެވެ. އަދި އެ ވިލާގަނޑު ދިއުމުން އަލުން ‘ހަނދާންވެއެވެ

އުމަރުގެފާނު ވިދާޅުވިއެވެ؛ އެވީ ދެ ސުވާލެވެ. އަދި ތިމަންނަ އަށް އެ ދެ ސުވާލުގެ ޖަވާބުވެސް ލިބިއްޖެއެވެ. ތިންވަނަ ސުވާލަކީ އެއްބައި މީހުނަށް ތެދު ހުވަފެން ފެނިފަ އަނެއްބައި މީހުނަށް ދޮގު ހުވަފެން ފެންނަނީ ކީއްވެ ހެއްޔެވެ.

އަލީގެފާނު ދެންނެވި އެވެ؛ ތި ސުވާލަށްވެސް ޖަވާބެއް އެބަ އޮތެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވި އެވެ. ކޮންމެ އަންހެނެއް އަދި ފިރިހެނެއްވެސް ނިދުމުން އޭނާގެ ރޫހު އަރުޝިއާ ހަމައަށް މައްޗަށް އަރައެވެ. އަރުޝިއާ ހަމައަށް އެރުމަށް ފަހު ހޭލެވޭ މީހުނަށް ތެދު ހުވަފެން ފެނެ އެވެ. އަދި އަރުޝިއާ ހަމައަށް ނުދެވެނީސް ހޭލެވޭ މީހަކަށް ދޮގު ހުވަފެން ފެނެ އެވެ.

އުމަރުގެފާނު ވިދާޅުވިއެވެ. އަހަރެންގެ އޮތް ތިން ސުވާލުގެ ޖަވާބު ލިބިއްޖެއެވެ. އަހަރެން މަރުވުމުގެ ކުރިން މި ސުވާލުތަކަށް ޖަވާބުލިބުނީތީ ﷲ އަށް ޝުކުރު ކުރަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355