twitterviber whatsapp telegramfacebookyoutube instagram
30th April 2024

ކުޑަކުދިންނާ ގުޅޭ ކަންކަމުގައި މުޖުތަމައު ބާރުވެރިކުރުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

Apr 25, 2021

ކުޑަކުދިންނާ ގުޅޭ ކަންކަމުގައި މުޖުތަމަޢު ބާރުވެރިކުރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާކޮށްފައިވަނީ ޔުނިސެފުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މަރްޖާން މޮންޓަޒޭމީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް ކުރެއްވި އިޚްތިރާމުގެ ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ޔުނިސެފް ރެޒިޑެންޓް ރެޕްރެޒެންޓެޓިވްއަށް މަރުޙަބާ ވިދާޅުވެ ޔުނިސެފްގެ ފަރާތުން ރާއްޖެއަށް ދެމުންދާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެ ކުދިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތުކަމުގައި ވިދާޅުވެ މިގޮތުން ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކުރެވިފައިވާ ކަމުގައި ވިދާޅުވެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާފައިވާކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ހާއްސަކޮށް ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭގައި ހިންގާ ވެކްސިންދިނުމުގެ ކެމްޕެއިނަށް އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯޑް އެސްޓްރާ ޒެނެކާ ވެކްސިނާއި ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ފައިޒަރ ވެކްސިން ރާއްޖެއަށް ހޯދައިދިނުމުގައި ޔުނިސެފުން އަދާކޮށްދެއްވި ދައުރު ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ޔުނިސެފް ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ދެއްކެވި ވާހަކަފުޅުގައި އެކަމަނާވަނީ ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ޔުނިސެފްގެ ފަރާތުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ތިމާވެށި ހިމާޔަތްކުރުމުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާއި، ކުޑަކުދިންނާ ގުޅޭ ކަންކަމުގައި މުޖުތަމަޢު މިހާރަށްވުރެ ބޮޑަށް ބާރުވެރިކުރުވުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355