twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދައްޖާލާއި ބައްދަލުވި ސަހާބީ

Apr 26, 2021

މި ހަދީޘްއަކީ މަޝްހޫރު ސަޙާބިއްޔާއެއް ކަމައްވާ ފާތިމާ ބިންތި ގައިސް ސަޙީޙް މުސްލިމްގައި ރިވާކުރައްވާފައިވާ ހަދީޘްއެކެވެ. އެއް ދުވަހެއްގައި ތިމަންނަމެން ގޭގައި ތިއްބަވަނިކޮށް މުއައްޒިން ގޮވާލި އެވެ. الصَّلاَةَ جَامِعَةً. މިއީ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ފަރުޞު ފަސް ނަމާދު ފިޔަވާ އެހެން ކަމަކު ސަހާބީން މިސްކިތައް އެއްކުރުމަށް ބޭނުންކޮށް އުޅުއްވި ބަސްފުޅެކެވެ.

ދެން އަވަހަށް ތިމަންނަމެން ހަބަރުބެލުމަށްޓަކާ އަވަހަށް މިސްކިތައް ދިޔައީ މެވެ. އަދި ރަސޫލާއެކު ނަމާދެއް ކުރީމެވެ. އަދި އެވާހަކައަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުގެ ސަބަބުން ތިމަންނަ ހުރީ އަންހެނުންގެ އެންމެ ކުރީ ސަފުގައެވެ. އަދި ނަމާދުކޮށް ނިމުމުން ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް މިންބަރަށް އަރައިވަޑައިގެން ދެންނެވި އެވެ. ކޮންމެ ބޭކަލަކުވެސް އެބޭކަލަކު އިންނެވި ތަނެއްގައި މަޑުކުރައްވާށެވެ.

އަދި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ސުވާލުކުރެއްވެވި އެވެ. މިތަނަށް އެންމެން އެއްކުރީ ކޮންސަބަބަކާ ހުރެކަން އެނގޭހެއްޔެވެ؟ އެމީހުން ޖަވާބުދިނެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ﷲ އަށާއި އެކަލާންގެ ރަސޫލާއަށެވެ.

ރަސޫލާ ދެންނެވި އެވެ. މިއަދު އެންމެން މިސްކިތަށް މި އެއްކުރީކީ ވަކި ޙާއްސަ ބޭނުމެއް އޮވެގެނެއް ނޫނެވެ. އަދި ނަރަކައިގެ ވާހަކައިން ބިރުވެރިކަމުގެ އިންޒާރު ދެއްވާ ހައްދަވާކަށްވެސް ނޫނެވެ. މިއަދު މިތަނަށް މި އެއްކުރީ ތަމީމް އައް ދާރީ އައިސް ހިއްސާކުރި ވާހަކައެއް ކިޔައިދިނުމަށެވެ.

-----------------------------

ތަމީމުއް ދާރީ އަކީ ނަސްރާނީއެކެވެ. އަދި ތަމީމުއް ދާރީ ވަޑައިގެން ތިމަންކަލޭގެފާނަށް ބައިތު ހިއްޕަވާ އިސްލާމްވެ ވަޑައިގެންފި އެވެ. ތަމީމުއް ދާރީ ވަޑައިގެން ތިމަން ކަލޭގެފާނަށް، ތަމީމުއް ދާރީއަށް ފެނުނު ކަންތައްތަކެއްގެ ވާހަކަ ކިޔައިދެއްވައިފި އެވެ. ތިމަން ކަލޭގެފާނު ތިޔަބައި މީހުންނަށް ދައްޖާލާ ބެހޭގޮތުން ކިޔާދެއްވާ ވާހަކަ އާއި ތަމީމްއުއް ދާރީ ކިޔައިދެއްވި ވާހަކަ އެއްގޮތްވެ ވަޑައިގަންނަވައެވެ. ތަމީމުއް ދާރީ ކިޔައިދިނެވެ.

ތިމަންނަމެން ލަޚުމް ކިޔާ ގަބީލާއަކާއި އަދި ޖުޒާމް ކިޔާ ގަބީލާގެ ( ދެ ގަބީލާވެސް ނިސްބަތްވަނީ ޔަމަންކަރައަށް) ތިރީސް މީހުން ގޮވައިގެން ތިމަންނަމެން ނަވަކަށް އަރާ ދަތުރެއް ފެށީމެވެ. ދެން ކުއްލިއަކަށް ކަނޑުގެ ރާޅުތައް ގަދަވެ މޫސުން ގޯސްވެ ތިމަންނަމެން ބެހިއްޖެއެވެ. މިގޮތަށް ބެހިގެން އެއް މަސް ދުވަސް ވަންދެން ތިމަންނަމެން ކަނޑުމަތީ ތިބީމެވެ. އެންމެ ފަހުން ތިމަންނަ މެންނަށް އާދެވުނީ ޖަޒީރާއެއްގެ ކައިރިއަށެވެ. ދެން ތިމަންނަމެން އެ ނައު މަޑުކޮށް ކުދި ބޮއްކުރާ ތަކަކަށް ފައިބައިގެން އެ ރަށައް ފޭބީމެވެ.

އެރަށަށް ފޭބިތަނާ ތިމަންނަމެންނަށް ދިމާވީ ޒާތެއްގެ ވަރަށް ކެހެރި ގިނަ މަޚްލޫގަކާއެވެ. ދެން ތިމަންނަމެން ބުނެފީމެވެ. ކަލެއަށް ހަލާކު ހުއްޓެވެ. ކަލޭ ތިއީ ކާކު ހެއްޔެވެ؟ އޭނާ ބުނެފޫއެވެ. އަހަރެންނަކީ އަލް ޖައްސާސާއެވެ. ދެން ތިމަންނަމެން ބުނެފީމެވެ. ޖައްސާސާ އަކީ ކޯޗެއް ހެއްޔެވެ. އޭނާ ބުނެފިއެވެ. ކަލޭމެން ދާށޭ ނިކަން މިރަށުގަ އެހެރަ ފައްޅިއަށް، އެ ފައްޅީގައި އޮތް މީހާގެ ކައިރިއަށްދާށެވެ. އޭނަ ކަލޭމެނާ ބައްދަލުކުރަން، ކަލޭމެންގެ ހަބަރު ހޯދުމަށް ވަރަށް ބޮޑައް ވަނީ ޝައުގުވެރިވެފައެވެ.

ދެން ތިމަންނަމެން އެ ފައްޅިއައް ދިޔައީމެވެ. އެތަނަށް ވަތް އިރު އޮތީ ބޮޑު ސިންގާ މީހެކެވެ. ވަރައް ބޮޑު މީހެކެވެ. ބުޅި ބޮލެއްކެވެ. ތިމަންނަމެން ދުއް އެންމެ ބިޔަ ބޮޑު މީހާއޭ އެއީ، ކަރާއި ކަނދުރާއާއި އަތާއި އަދި ކަކުލުން ފެށިގެން ތަނބިކައްޓާ ހަމައަށް އެއްކޮށް އޮތީ ހިލިހިލާއަޅައި ދަގަނޑުގެ ބޮޅުފަތިތަކުން ބަނދެވިފައެވެ. ކޮންމެއަކަސް އަހަރެމެން އޭނާއާ ދިމާލަށް ބުނެފީމެވެ. ކަލެއައް ހަލާކު ހުއްޓެވެ. ކަލޭ ތިއީ ކާކު ހެއްޔެވެ. އޭނާ ބުންނެވެ. އަދި ފަހުން އެނގޭނެ އެވެ. އިހަށް މަޑުކުރާށެވެ.

އެ މީހާ ސުވާލުކުރިއެވެ. ތިއީ ކޮން ބައެއް ހެއްޔެވެ. ދެން ތިމަންނަމެން އެ ނައުގައި ބެހިގެން ޖައްސާސާ އާއި ބައްދަލުވިގޮތް ކިޔައިދިނީމެވެ. އަދި ޖައްސާސާއާއި ބައްދަލުވެ އަހަރެންގެ ހަބަރުއެހުމަށް މީހަކު ޝައުގުވެރިވެފައިވާ ވާހަކަ އެނގުމުން އަހަރެމެން ހީކުރީ އެއީ ޝައިތާނެއް ކަމަށެވެ. ދެން އެ ބަނދެފައި އޮތް މީހާ ބުނެފިއެވެ. ނަހްލު ބައިސާން އާ ބެހޭގޮތުން ހަބަރު ދީބަލާށެވެ. ތިމަންނަމެން އެހީމެވެ. ނަހްލު ބައިސާނުގެ، ބައިސާނުގެ ކަދުރު ރުއްތަކުގެ ކޮން މައުލޫމާތެއް ހެއްޔެވެ. އޭނާ ސުވާލުކުރިއެވެ. އެ ކަދުރު ރުއްތަކުގައި ކަދުރު އަޅާހެއްޔެވެ. ތިމަންނަމެން ބުނީމެވެ. އާނއެކެވެ. ބައިވަރު އަޅައެވެ. ދެން އެ މީހާ ބުނެފިއެވެ. އެހެންވިއްޔާ އެ ކަދުރު ރުއްތަކުގައި ކަދުރު ނޭޅުން ވަނީ ވަރަށް ގާތް ވެފައެވެ.

އަނެއްކާވެސް އޭނާ އަހައިފިއެވެ. ތޮބަރިއްޔާ ކޯރުގެ ފެންގަނޑު ކިހިނެއްހެއްޔެވެ. ތިމަންނަމެން ބުނެފީމުއެވެ. އެ ކޯރުގެ ފެންގަނޑުގެ ކޮން މައުލޫމާތެއް ތޯ އޭ ސާފުކުރަން ބޭނުމީ؟ އޭނާ ސުވާލުކުރި އެވެ. އެ ފެންގަނޑު ނުހިނދޭ ހެއްޔެވެ. ތިމަންނަމެން ބުނެފީމެވެ. އާނއެކެވެ. ބައިވަރު ފެނެ އެބަ އޮތެވެ. އެހެންވިއްޔާ ފެންގަނޑު ހިނދެން ވަރަށް ގާތް ވެއްޖެއެވެ.

އަނެއްކާވެސް ސުވާލުކޮށްފިއެވެ. އެހެންވެއްޖެޔާ ޢައިން ޒުޣަރު އޭ ކިއުނު އާރުގައި ފެން އެބަހުރި ހެއްޔެވެ. ތިމަންނަމެން ބުނެފީމެވެ. އާނއެކެވެ. އެފެނުން މީހުން ފެންދީގެން ދަނޑު ހައްދާ އުޅޭހެއްޔެވެ. ތިމަންނަމެން ބުނެފީމެވެ. އާނއެކެވެ. ބައިވަރު މީހުން އެކަން ކޮށް އުޅެއެވެ.

ދެން އަނެއްކާވެސް އެ މީހާ ސުވާލުކޮށްފިއެވެ. ތިހެންވިއްޔާ ކޮބާ ހޭ ނަބީއުލް އުއްމަށް އުއްމިއްޔަ ނަބީކަލޭގެފާނު ކޮބާ ހެއްޔެވެ. ކީއްހޭ ކުރައްވަނީ.؟ ތިމަންނަމެން ބުނެފީމެވެ. އެކަލޭގެފާނު މިހާރު މައްކާއިން މަދީނާއަށް ހިޖުރަ ކުރައްވައިފި އެވެ. ތިހެންވިޔާ ޢަރަބިން އެކަލޭގެފާނާއި ހަނގުރާމަކޮށްފި ހެއްޔެވެ. ތިމަންނަމެން ބުނެފީމެވެ. އާނއެކެވެ. އެކަލޭގެފާނު ވަނީ ގަދަވެވަޑައިގެންފައެވެ. އަދި ގިނަ މީހުން ވަނީ އެކަލޭގެފާނަށް ކިޔަމަން ވެފައެވެ. އެނާ ސުވާލުކުރިއެވެ. ހަގީގަތުގައިވެސް ތިކަން ވެއްޖެ ހެއްޔެވެ؟ ތިމަންނަމެން ބުނެފީމެވެ. އާނއެކެވެ. ދެން އޭނާ ބުންޏެވެ. އެކަލޭގެފާނަށް ކިޔަމަންތެރިވުމީ އެމީހުނަށް އެންމެ ހެޔޮ ގޮތެވެ. ހަގީގަތުގައިވެސް އެއީ ރަނގަޅު ގޮތެވެ.

ތިމަންނަމެން ސުވާލުކޮށްފީމެވެ. ދެން ތިއީ ކާކު ހެއްޔެވެ. އޭނާ ޖަވާބުދިނެވެ. ތިމަންނައީ މަސީހުއެވެ. މަސީހު އައް ދައްޖާލް އެވެ. އަދި ތިމަންނަ އަރަން ވަނީ ވަރަށް ގާތް ވެފައެވެ. އަދި ތިމަންނަ ފާޅުވުމަށްފަހު ސާޅީސް ރޭ ތެރޭ ތިމަންނަ ނާރާ އެއްވެސް ރަށެއް ނުބާއްވާނަމެވެ. މައްކާއާއި މަދީނާ ފިޔަވާއެވެ. އަދި މައްކާއާއި މަދީނާއަށް އަރަން ހުންނަ ކޮންމެ މަގެއްގައި މަލާއިކަތް ބޭކަލެއް އުރައިން ކަނޑި ނަންގަވައިން ހުންނަވައެވެ. އެހެންކަމުން އެ ދެ ރަށަކަށް އަހަރެންނަކަށް ނޭރޭނެއެވެ.

ދެން ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ހަދީތް ކުރައްވަނީ ދަންނާށެވެ. ތިމަން ކަލޭގެފާނު ތިޔަބައިމީހުނަށް އެކަމާ ބެހޭގޮތުން ހަބަރެއް ނުދެއްވަން ހެއްޔެވެ. އެބައިމީހުން ބުންޏެވެ. ބުނެދެއްވައިފި އެވެ. ދެން ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ހަދީތް ކުރައްވަނީ ހަމަކަށަވަރުން ތަމީމްއައް ދާރީ އެ ވިދާޅުވާ ވާހަކައަށް ތިމަންކަލޭގެފާނު ވަރަށް ހިތްޕުޅާވެއްޖެއެވެ. އެއީ ތިމަންކަލޭގެފާނު ދައްޖާލާއި، މައްކާއާއި މަދީނާ އާ ބެހޭގޮތުން ދައްކަވާހުރި ވާހަކަ އާއި އެއްގޮތް ވެގެންވާ ވާހަކަތަކަކަށްވާތީ އެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ސަހާބީއެއް ކިބައިން ރިވާކުރައްވާފައިވަނީ ހަމައެކަނި ތަމީމުއްދާރީގެ އަރިހުންކަމަށެވެ.

ރަސޫލާ އިތުރަށް ހަދީޘްކުރެއްވި އެވެ. އޭނާ ވަނީ ޝާމްކަރައިގެ ކަނޑުގައެވެ. ނުވަތަ ޔަމަނު ކަނޑުގައެވެ. ނޫނެކެވެ. އަދި ކިޔެއް ހެއްޔެވެ. އޭނާ އަންނާނީ އިރުމަތީ ފަރާތުންނެވެ. އަދި ރަސޫލާ އެ ދިމާލަށް އިޝާރާތް ކުރެއްވެވި އެވެ.

މިއަދު، ބައިސާނުގެ ކަދުރު ރުއްތަކުން ކަދުރު ވަނީ ވަރަށް މަދުވެފައެވެ. އަދި ތަބަރިއްޔާގެ ފެންގަނޑު އަންނަނީ ހިނދެމުންނެވެ. ދައްޖާލު އައުން ގާތްވެއްޖެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355