ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަހީދު މިރޭ ވަކިކުރައްވައިފި އެވެ.
ޒަހާއަށް އެކަށީގެންވާވަރަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ މަޖިލިސް މެމްބަރުން އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ޒާހާއަކީ، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫން ލީޑް ކުރައްވާ އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.
މިކަމާގުޅިގެން އެ ޕާޓީން ބުނެފައިވަނީ ޒަހާ ވަހީދު އެ މަގާމު ވަކި ކުރެއްވީ އެކަމަނާ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިސް ވެރިންނާ އެއްވެސް މަޝްވަރާއެއް ނުކޮށްކަމަށެވެ.
ޒަހާ މަގާމުން ވަކިކުރައްވާފައި ވަނީ އެކަމަނާ މިނިސްޓަރު ކަމުން ވަކިކުރައްވާ ރައީސް އޮފީހުގެ މަގާމެއް ދެއްވަން ނިންމަވާފައިވާ ކަމުގެ އަޑުތައް ވެސް ގަދަވެފައި ވަނިކޮށެވެ.
ކެބިނެޓަށް ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ނިންމުމާ އެއްގޮތަށް ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން އާދިއްތަ ދުވަހު ރޭ ވަނީ ބުނެފަ އެވެ.