twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޕީއެސްޖީގެ ކުޅުންތެރިން ލަދުގަންނަވާލައި މެން ސިޓީ ފައިނަލަށް

May 5, 2021

މިއީ ސިޓީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކުރި ފަހަރެވެ. ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި މި ފަހަރުގެ މުބާރާތުގައި ސިޓީން މެޗަކުން ބަލިނުވެ، ފައިނަލުން ޖާގަ ހޯދީ ފަހަރެވެ.

މިއީ 2011 ވަނަ އަހަރަށް ފަހު ގާޑިއޯލާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފެންނާނެ ފުރަތަމަ ފަހަރެވެ. ގާޑިއޯލާ ވަނީ 2009 އާއި 2011 ވަނަ އަހަރު ބާސެލޯނާއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި އެވެ. މި ފަހަރު ސިޓީން ތަށި އުފުލާލުން ވަރަށް ގާތެވެ.

މިދިޔަ ހަފުތާގައި ސިޓީން ޕީއެސްޖީ ދަނޑުގައި ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. ޕީއެސްޖީ ރޭގެ މެޗަށް ނުކުތްއިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެންމެ މުހިންމު ސްޓްރައިކަރ ކީލިއަން އެމްބާޕޭ އަށް ނުކުޅެވުމެވެ.

ސިޓީން މެޗުގައި ފުރަތަމަ ގޯލު ޖެހީ މެޗުގެ 11 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ފުރަތަމަ ލެގުގައި ވެސް ސިޓީ މޮޅުކޮށްދިން ހިލޭ ޖެހުން ކާމިޔާބުކުރި އަލްޖީރިއާގެ ވިންގް ރިޔާދު މަހްރޭޒް އެވެ. ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ޖެހި ބޯޅައެއް ހޯދައި ޒިންޗެންކޯ ނެގި ހުރަހަކުން ކެވިން ޑިބްރޭނާ ޖެހި ޝޮޓް ޕީއެސްޖީ ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުނީ މަހްރޭޒް އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޕީއެސްޖީއިން ނަތީޖާ ހަމަ ހަމަ ކުރަން ކުރި މަސައްކަތައް ސިޓީގެ ރުބެން ޑިއާސް އާއި ޖޯން ސްޓޯންސް ވަނީ ކުރި ހޯދާފައެވެ. ދެ ވަނަ ހާފްގައި ޕީއެސްޖީން ދެ ބަދަލެއް ގެނައި ވަގުތު ޓީމު ރަނގަޅަށް ހަމަނުޖެހެނިސް ސިޓީން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މެޗުގެ 63 ވަނަ މިނިޓްގައި ޒުވާން ތަރި ފިލް ފޯޑެން ހުރަސްކޮށްލި ބޯޅަ މާރޭޒް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ސިޓީން ދެ ގޯލުގެ ލީޑެއްނެގި ފަހުން ޕީއެސްޖީގެ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލުތަކެއް ފެނިގެންދިޔަ އެވެ. އޭގެ ތެރެއިން ވަގުތެއްގައި ޕީއެސްޖީގެ އެންޖެލް ޑި މާރިއާ ސިޓީގެ ކެޕްޓަން ފެނާންޑީނިއޯ އަށް ބޯޅަ ނެތިސް ހަމަލާ ދިނުމުން އޭނާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

ޕީއެސްޖީ ކުޅުންތެރިން މެޗް އަށް ފަހު ނުރުހުން ފާޅު ކުރިއިރު ސީގެ ކުޅުންތެރިން ދިޔައީ އުފާ ފާޅުކުރަމުންނެވެ. ސިޓީ އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ފައިނަލުގައި ކުޅޭނެ ނުވަ ވަނަ އިނގިރޭސި ޓީމެވެ.

ލިޔުނީ: އަލީ ރަމީޒު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355