މިއީ 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެ ޗެލްސީން ތަށި ހޯދި ފަހުން އެ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޖެހިޖެހިގެން އިރުޝާދު ދޭނެ ދެވަނަ އަހަރެވެ. ޓުޗެލް ވަނީ މިދިޔަ އަހަރު ޕީއެސްޖީގެ ކޯޗުކަމުގެ މަގާމުގައި ހުރެ އެ ޓީމު މުބާރާތުގެ ފައިނަލަށް ގެންގޮސްދީފަ އެވެ.
13 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރިއަލް މެޑްރިޑް ބަލިކޮށް ޗެލްސީ ފައިނަލް އަށް ދަތުރު ކޮށްފައިވާއިރު ފައިނަލްގައި ޗެލްސީ ކުރިމަތި ލާންޖެހޭނީ ޕީއެސްޖީ ބަލިކޮށް ފައިނަލަށް ދަތުރު ކޮށްފައިވާ މެން ސިޓީ އާއި ދެކޮޅަށެވެ.
މުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަ ހޯދީ ފުރަތަމަ ލެގުގައި ރެއަލްގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވަނިކޮށް ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 0-2 އިން ކާމިޔާބުކޮށްގެންނެވެ.
މެޗުގެ 28 ވަނަ މިނެޓްގައި ކައި ހަވާޓްސް ތަނަވަސް ކޮށްދިން ފުރުސަތަކުން ޓީމޯ ވާނާ ވަނީ މެޗްގެ ފުރަތަމަ ލަނޑު ޖަހާ ޗެލްސީ އަށް ލީޑް ނަގައިދީފައެވެ. ޗެލްސީން ފައިނަލްގެ ޖާގަ ކަށަވަރު ކުރި ގޯލް މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ކްރިސްޓިއަން ޕުލިސިޗް ދިން ބޯޅައަކުން މޭސަން މައުންޓެވެ.
ޗެމްޕިއަންސް ލީގު ފައިނަލް 29 މެއި ވާ ހޮނިހިރު ދުވަހު އަޓަޓާރކް އޮލިމްޕިކް ސްޓޭޑިއަމްގައި ޗެލްސީއާއި މެން ސިޓީ ބައްދަލުކޮށް ކުޅޭނެއެވެ.