twitterviber whatsapp telegramfacebookyoutube instagram
4th May 2024

އެންޓިކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

ޚަދީޖާ އާދަމް
May 6, 2021

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް (ޤާނޫނު ނަންބަރު: 13/2008) ދެވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފި އެވެ.

މި ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އޭޕްރިލް 19 ވަނަ ދުވަހު ބޭއްވި އެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާގައެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި "ކޮރަޕްޝަން" އިތުރަށް މާނަކޮށްދީފައިވެ އެވެ. އެގޮތުން ކޮރަޕްޝަނަކަށް ވާނީ ކޮރަޕްޝަންގެ ކުށާއި، ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި އަމަލުތައް ހިމެނޭ ގޮތުން ކަމަށް ބުނެފައިވެ އެވެ.

އަދި ހަމަ އެ މާއްދާގެ (ށ) ގައި، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ކޮރަޕްޝަންގެ ކުށް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 510، 513، 515، 516، 517 އަދި 518 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްކުށާއި، އެނޫންވެސް ގާނޫނެއްގައި ކޮރަޕްޝަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355