twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިއްދޫގެ ނަމްބަރު 57 އަށް، 169 ގެޔެއް ބަންދު

ޚަދީޖާ އާދަމް
May 6, 2021

ދިއްދޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 57 އަރައިިފި އެވެ. އިއްޔެ އެރަށުން އަލަށް 12 މީހަކު ޕޮޒިޓިވްވެފައިވާއިރު އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 167 ގެޔެއް މިވަގުތު ވަނީ ކަރަންޓީން ކޮށްފައެވެ.

ކަރަންޓީން ކޮށްފައިވާ ގެތަކުގެ ތެރޭގައި އެރަށުގެ ބައެއް ފްލެޓްތައްވެސް ހިމެނެއެވެ. ކޭއޯއަށް މައުލޫމާތު ދެމުން ދިއްދޫ ހޮސްޕިޓަލްގެ މެނޭޖަރު އުސްމާން އަޝްރަފް ވިދާޅުވީ މިހާތަނަސް 381 ސާމްޕަލެއް ނެގިފައިވާކަމަށާއި އޭގެތެރޭގައި ރޭންޑަމް ސާމްޕަލްތައްވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ރޭންޑަމް ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭކަމަށް އުސްމާން ވިދާޅުވި އެވެ.

ފަހުން ޕޮޒިޓިވްވި 12 މީހުންގެ ތެރޭގައި މާލެއިން އައިސް ކަރަންޓީންގައި ތިބި 4 މީހުންވެސް ހިމެނެއެވެ. އުސްމާން ވިދާޅުވީ މިވަގުތު ދިއްދޫއިން ކޮވިޑަށް ޕޮޒިޓިވްވި 2 މީހަކު ފުނަދޫ ފެސިލިޓީގައި މިހާރުވެސް ފަރުވާދެމުން ދާކަމަށާއި އިތުރު މީހަކު ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

އެރަށުން ޖުމްލަ ނެގުނު ސާމްޕަލުތަކުގެ ތެރެއިން 293 ސާމްޕަލް ނެގެޓިވެފައިވާއިރު މިހާތަނަށް ނަތީޖާ ނުލިބޭ 35 ސާމްޕަލެއް ހިމެނެއެވެ. ފަހުން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 52 މީހަކު ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ވަނީ ފާހަގަކުރެވި ފައެވެ.

ދިއްދޫ ފުލޫ ކްލިނިކަށް ދެއްކި މީހަކު މިމަހު 1 ވަނަ ދުވަހު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަތޮޅުތެރޭގައިވެސް ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އިއްޔެވެސް އަތޮޅުތެރެއިން 186 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 32،665 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު 7،109 އަށް ވަނީ އަރާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355