twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން - އަނބުރާ އާއިލާއަށް!

May 6, 2021

ކޮންމެ ކުއްޖަކީވެސް އާއިލާއެއްގެ ތެރޭގައި ރައްކާތެރިކަމާއި ދުޅަހެޔޮކަންމަތީ ހެދިބޮޑުވުމުގެ ޙައްޤު ލިބިފައިވާ ކުއްޖަކަށްވާއިރު، ދަޢުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކޮންމެ ކުއްޖަކަށްވެސް އެ ޙައްޤު ލިބިގެންވެއެވެ. އެހެންކަމުން، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންވެސް ރީ-އިންޓެގްރޭޝަންގެ ދަށުން އާއިލީ މާހައުލުގައި އުޅެބޮޑުވުމުގެ ފުރުޞަތު ލިބިދީފައިވެއެވެ. ވީމާ ރީ-އިންޓެގްރޭޝަންގެ ދަށުން އަލުން އާއިލީ މާހައުލަށް ކުދިން ނެރުމަށް ޤާނޫނުގައި އޮތްގޮތަށް ބަލާލަމާތޯއެވެ.

ރީ-އިންޓެގްރޭޓް ކުރުން

ރީ-އިންޓެގްރޭޓް ކުރުމަކީ ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން، އެކުދިން ބަލަހައްޓައި، ތަރުބިއްޔަތުކޮށް، ބަލައިބޮޑުކުރުމަށްޓަކައި އެކުދިންގެ ޢާއިލާތަކާ ދާއިމީކޮށް ހަވާލުކުރުމެވެ. ނުވަތަ ވަގުތީގޮތުން ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަމާއެކު 'ފޮސްޓަރ' ކުރުމަށް ހަވާލުކުރުމެވެ. މިގޮތުން ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ރީ-އިންޓެގްރޭޓް ކުރާއިރު އިސްކަމެއްދޭންވާނީ، އެކުދިންގެ ޢާއިލާތަކާ ޙަވާލުކޮށްގެން ރީ-އިންޓެގްރޭޓް ކުރުމަށެވެ.

އެގޮތުން އެކުދިންގެ މަޞްލަޙަތަށް އެންމެ ފައިދާ ބޮޑީ ކުދިންގެ ޢާއިލާތަކާއެކު އުޅުންކަމަށްވާނަމަ، އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތް ފަށަންވާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އަމިއްލަ އިސްނެގުމުގެ މަތިންނެވެ. އެހެންނަމަވެސް، އާއިލާގެ ފަރާތުން އެ ކުއްޖަކު ބެލުމަށްޓަކައި އެ ފަރާތާ ހަވާލުކޮށްދިނުމަށް އެދުމުގެ ފުރުޞަތު ޢާއިލާއަށް ލިބިގެންވެއެވެ.

އެގޮތުން ދަޢުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖާ ރީ-އިންޓެގްރޭޓް ކުރެވޭއިރު، އެކުއްޖާ އާއިލާއާ ހަވާލުކުރެވޭނީ އެ ކުއްޖެއްގެ އުމުރުން އެންމެ މަދުވެގެން 18 އަހަރު ފުރެންދެން އެކުއްޖާ ބަލަހައްޓާ ގޮތުގެ މަތިންނެވެ.

ފުރިހަމަވާންޖެހޭ ޝަރުޠުތައް

ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖަކު އާއިލާއަށް ރީ-އިންޓެގްރޭޓް ކުރާއިރު، އެކުއްޖަކު ހަވާލުކުރެވޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ މައިގަނޑު އަދި ޚާއްޞާ ޝަރުޠުތަކެއްވެއެވެ. އެގޮތުން މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއްކަމުގައިވެފައި، މީލާދީ ގޮތުން 25 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުން ހިމެނެއެވެ. ހަމައެހެންމެ އެފަރާތަކީ، ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އަދި މާލީގޮތުން ކުއްޖަކު ބެލެހެއްޓުމުގެ ޤާބިލުކަން ހުރި ފަރާތަކަށްވާންވާނެއެވެ. މީގެ އިތުރުން، ޖިނާޢީ މައްސަލައަކާއި ގުޅިގެން އެފަރާތުގެ އެއްވެސް ކުށުގެ ރިކޯޑެއް ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި އެއްވެސް ކަމާގުޅުންހުރި އިދާރާއެއްގައި އޮތް ފަރާތެއްކަމުގައި ވެގެންނުވާނެއެވެ. ހަމައެހެންމެ، ސާބިތު ދަރަނީގެ ނުވަތަ ސާބިތު ޚަރަދުގެ މައްސަލައެއްގެ އެއްވެސް ރިކޯޑެއް ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ކަމާގުޅުންހުރި އިދާރާއެއްގައި އޮތް ފަރާތެއްކަމުގައި ވެގެންނުވާނެއެވެ.

އެފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޚާއްޞަ ޝަރުޠުތަކުގެ ތެރޭގައި، އެ ފަރަތާކީ ކުއްޖާގެ މައިންބަފައިން ނުވަތަ މަންމަ ނުވަތަ ބައްޕަ ކަމުގައި ވާންވާނެއެވެ. ނުވަތަ ކުއްޖާގެ ޝަރުޢީ ބަލަދުވެރިއެއް ނުވަތަ ކުއްޖާގެ ޙަޟާނަތު ޙައްޤުވާ ފަރާތެއްކަމުގައި ވާންނަވާނެއެވެ.

ހަވާލުކުރުން

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން ރީ-އިންޓެގްރޭޓް ކުރެވޭނީ، ޗައިލްޑް އެސެސްމަންޓުގެ މައްޗަށް ބިނާކޮށް، ރީ-އިންޓެގްރޭޓް ކުރުމަށް ތައްޔާރުވެފައިވާ ކަމަށް ރީ-އިންޓެގްރޭށަން ކޮމިޓީން ނިންމާ ކުދިންނެވެ. އަދި އެކުދިން ޙަވާލުކުރެވޭނެ ފަރާތްތައްވެސް ނިންމާނީ ރީ-އިންޓެގްރޭޝަން ކޮމިޓީންނެވެ.
މިގޮތުގެ މަތިން ރީ-އިންޓެގްރޭޓް ކުރެވިގެންދާނީ 4 މަރުޙަލާއެއްގެ ތެރެއިންނެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައި ކުއްޖާގެ ޢާއިލާ ހޯދުމާއި، ކުއްޖާއާއި އާއިލާގެ އެސެސްމަންޓް ރިޕޯޓެއް ތައްޔާރުކުރެވި، މި ރިޕޯޓަށް ބިނާކޮށް ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ނިންމުމެއް ކޮމިޓީން ނިންމާނެއެވެ. އެގޮތުން ދެވަނަ މަރުޙަލާގައި، ކުއްޖާއާއި އާއިލާ އަދި ކުއްޖާ ރީ-އިންޓެގްރޭޓް ކުރެވޭ ކޮމިއުނިޓީ އެކަމަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. ތިންވަނަ މަރުޙަލާއަކީ، ކުއްޖާ އާއިލާއަށް އަނބުރާ ފޮނުވުމުގެ ކުރިން ކުއްޖާއާއި އާއިލާ އާ ގުޅުން ބަދަހިކުރުވުމުގެ މައްސައްކަތްތަކެއް ކުރުމަށްފަހު އެއްބަސްވުމެއްގެ ދަށުން ކުއްޖާ ހަވާލުކުރުމެވެ. އަދި ހަވާލުކުރުމަށްފަހު އާއިލާއަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއި މޮނީޓަރިން ޕްލޭނާއެއްގޮތަށް ކުއްޖާއާއި އައިލާ މޮނިޓާރ ކުރުމެވެ.

ކުއްޖަކު ޢާއިލީ މާހައުލުން ވަކިކުރުން އޮންނަނީ އެންމެ ފަހުފިޔަވަޅެއްގެ ގޮތުގައި ކަމަށްވާއިރު، ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ދާއިމީކޮށް ޢާއިލީ މާހައުލުގައި އުޅުމަކީ އެ ކުދިންގެ މަޞްލަޙަތަށް އެންމެ ފައިދާވާ ގޮތް ކަމަށްވާނަމަ، އެ ކުދިންގެ ޢާއިލީ މާހައުލުގައި އުޅެބޮޑުވުމުގެ ފުރުސަތު އެ ކުދިންނަށް ފޯރުކޮށްދޭންވާނެއެވެ. އަދި އެކުދިންނާ ޙަވާލުވާ ފަރާތްތަކުންވެސް، ހަވާލުވެވޭ ޒިންމާ އެންމެ ރަނގަޅަށް އަދާކުރުމަކީ މުޙިއްމުކަމެކެވެ

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިން ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355