twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބޭކާރު ވާހަކަތަކުން ދުރުހެލިވުން

May 7, 2021

އަޅުގަނޑުމެން ވާހަކަ ދައްކަމުންދާއިރު ދުލުން ބުނާ ކޮންމެ ބަހަކީވެސް އެބަހުގެ ސަބަބުން ތިމާއަށް ނުވަތަ އެވާހަކައެއް އަޑުއަހަންތިބި ބަޔަކަށް ފައިދާ ކުރަނިވި ބަހަކަށް ނުވަތަ ވާހަކަ އަކަށް ވާންޖެއެހެއެވެ. އެއްވެސް ފައިދާއެއް ނެތް ގޮތުގައި ބޭކާރު “އަނގަތެޅުމުން” ދުރުހެލިވާން ޖެހެއެވެ. މުއުމިނުންގެ ސިފަތައް ބަޔާންކުރައްވާ ޤުރުއާނުގައި އައިސްފައިވާ އާޔަތްތަކުގައި އެއުރެންނީ ބޭކާރު ވާހަކަތަކުންނާއި ކަންތައްތަކުން ދުރުހެލިވެ ތިބޭ މީހުންކަމަށް އައިސްފައި ވެއެވެ. ބޭކާރު ވާހަކަތަކުން ދުރުހެލިވެ ތިބުމަކީ މުއުމިނުންގެ ސިފައެއް ކަން ގުރުއާނާ ސުންނަތުގެ އަލީގައި އެނގި ކަށަވަރު ވެއެވެ.

ފޫހި ފިލުވުމުގެ ގޮތުން ނުވަތަ ހުސްވަގުތު ފުރާލުމަށްޓަކައި، ނުވަތަ ރަހުމަތްތެރިންގެ ކުރިމަތީގައި ތިމާއަކީ މާ މޮޅު މީހަކަށް ވުމަށްޓަކައި ހަދަހަދައިގެން ދޮގު ވާހަކަ ދެއްކުމާއި، ޣީބަ ބުނުމާއި، މީސްމީހުންނަށް މަލާމަތް ކުރުމަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރެއިން ފެންނަމުންދާ ނުރައްކާތެރި އަދި މުޖުތަމައު ފަސާދަ ކުރާ ސިފައެކެވެ. ސަމާސާއަކަށް ވެސް ދޮގު ވާހަކަ ދެއްކުމެއް ނެތެވެ. މީހެއްގެ ކިބައިގައި ހުރި ސިފައެއް ކަމުގައި ވިޔަސް އެމީހަކު ނެތް ތަނެއްގައި އެމީހެއްގެ ވާހަކަ ދެއްކުމެއް ނެތެވެ. ތިމާ އަށް ކުށެއް ކުރެވުނު ކަމުގައި ވިޔަސް އެވާހަކަވެސް އިތުރު ބައެއްގެ ކައިރީ ދެއްކުމެއް ނެތެވެ. ބޮޑެތި ފާފަ ތައް ކުރުމަށް ފަހު ރަހުމަތްތެރިންގެ ކުރިމަތީ “ގަޓު” ހުރި މީހެއްކަން ދެއްކުމަށް އެވާހަކަ ތައް ދެއްކުމެއްވެސް ނުމެ ނެތްމެއެވެ.

ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައިވާ މި ދުވަސްވަރުގައި ސިޔާސީ ވާހަކަތައް ދެއްކުމުގެ ތެރޭގައި ސާބިތު ނުހިފޭ އެތައް ތުހުމަތުތަކެއް އެކި މީހުންނާއި ބެހޭގޮތުން ދެކެވޭތަން އާދެއެވެ. ދޮގު އިލްޒާމުތަކާއި، ނުބައި ހީކުރުންތައް މައްޗަށް ބިނާކޮށްވެސް އެތަށް ވާހަކައެއް ދެކެވޭތަން އާދެއެވެ. އަދި، ގަސްދުގައި ދޮގު ހަދާ އޮޅުވާލާ މީހުންނަކީ އެންމެ މޮޅެތި ސިޔާސީ ލީޑަރުންނަށް ކަމަށް ހެދޭތަންވެސް އާދެއެވެ. ކޮންމެ މާނައެއްގައި ބެލިނަމަވެސް ދޮގު ހެދުމާއި ނުބައި ހީކުރުންތައް ހީކުރުމާއި ދޮގު އިލްޒާމުތައް މީހުންގެ ބޮލުގައި އެޅުވުމަކީ އިސްލާމްދީން އެކަމަކަށް ދެކޮޅުހަދާ ކަންތައްތަކެވެ.

ވާހަކަ އެއް ދައްކާނަމަ އެވާހަކައެއް ވާން ޖެހޭނީ އަޑުއަހަން ތިބި ބަޔަކަށް ފައިދާއެއް ކުރާނެފަދަ ވާހަކައަކަށެވެ. އެވާހަކަ ވާން ޖެހޭނީ އިސްލާމީ ރިވެތި އަޚްލާޤުގެ ހުދޫދުގެ ތެރޭގައި ހިމެނޭ ވާހަކައަކަށެވެ. އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމް ހަދީޘް ފުޅު ކުރައްވާފައިވަނީ، ﷲ އަށާއި އާޚިރަތް ދުވަހަށް އިމާންވާނަމަ ހެޔޮ ބަސް ބުނުމަށެވެ. ނުވަތަ (އެހެން ނޫންނަމަ) ހަނު ހުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355