ރާއްޖޭގައި މަސައްކަތްކުރާނެ ޑޮކްޓަރުން ހޯދުމަށް އިންޑިއާގެ ނޫހެއްގައި ކޮށްފައިވާ އިއުލާނަކީ ކޮވިޑް-19 ހާލަތުން ބޭރުން ހެލްތު މިނިސްޓްރީއާ އެ ގައުމާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކޮށްފައިވާ އިއުލާނެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ އެ އިއުލާނަކީ މި އަހަރުގެ މާޗް 15ގައި ކޮވިޑް-19އިން ބޭރުން އާންމުކޮށް ކުރިއަށްގެންދާ ހޮސްޕިޓަލް އޮޕަރޭޝަންތަކަށް ހެލްތު މިނިސްޓްރީން ހަދާފައިވާ އެގްރީމަންޓަކާ ގުޅިގެން ކޮށްފައިވާ އިއުލާނެއް ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދިވެހި ޑޮކްޓަރުންނަށް ވޮލަންޓިއަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އިންޑިއާގެ ނޫހެއްގައި ރާއްޖޭގައި މަސައްކަތްކުރާނެ ޑޮކްޓަރުން ހޯދުމަށް ކޮށްފައިވާ އިއުލާނަކާާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އޭނާ ވިދާޅުވީ އެގޮތަށް އިއުލާންކޮށްފައި ވަނީ އެ ސްލޮޓްތަކަށް ދިވެހި ޑޮކްޓަރުން ހޯދަން މަސައްކަތްކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން ފެބްރުއަރީ 3 ވަނަ ދުވަހުން ފެށިގެން ދިވެހި ޑޮކްޓަރުން ހޯދުމަށް މަސައްކަތްކޮށް ލިބުނު ޑޮކްޓަރުންނަށް ވަޒީފާ ވެސް ދީފައިވާނެ ކަމަށާއި އިންޑިއާއިން ޑޮކްޓަރުން އެ ހޯދަނީ ބާކީ ހުރި ސްލޮޓްތަކަށް ކަމަށް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ޑޮކްޓަރުން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ވޮލަންޓިއަރ ކުރަން ހުޅުވާލާފައި ވަނީ އެގޮތަށް ބޭނުންވާ ބައެއް ޑޮކްޓަރުން ތިބުމުން ކަމަށެވެ. އެގޮތުން އެކި ތަންތަނުގައި ދާއިމީ ވަޒީފާގައި ތިބެ އިތުރު ވަގުތުތަކުގައި ވޮލަންޓިއަރ ކުރަން ބޭނުންވާ ޑޮކްޓަރުން އެބަތިބި ކަމަށާއި ބޭނުމަކީ އެފަދަ ޑޮކްޓަރުންނަށް އެ ފުރުސަތު ހުޅުވާދިނުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.