ފުރަތަމަ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު މުހައްމަދު އާތިފް ދެއްވި ބަޔާނުގައި ވިދާޅުވީ މިއަދު މިފެށުނީ ކުޅުދުއްފުށީގެ މުޅި އާ ސޮފްހާއެއް ކަމަށެވެ. ލިބުނު ފުރުސަތާއެކު ތަރައްގީގެ މަސައްކަތް ފެށުމަށް ކެތްމަދުވެފައި ހުންނެވިކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ހަވާލުވެފައިމިވަނީ ބޮޑު އަމާނާތަކާކަމަށާއި އެއްވެސް ރައްޔިތަކު ތަފާތުނުކޮށް ހުރިހާ ކައުންސިލަރުންވެސް އެގޮތުގައި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން އާތިފް ދެއްވި އެވެ.
ކޮންމެ ސިޔާސީ ފިކުރަކުން ހޮވިފައި ތިބިކަމުގައިވިޔަސް މިއަދު މިތިބީ މި ސިޓީގެ ހުރިހާ ރައްޔިތުންނަށް ހިދުމަތްކުރަން ކަމަށެވެ.
"މި ލިބުނު ފުރުސަތާއެކު އަޅުގަނޑު މިހުރީ ތިބޭފުޅުންނާއެކު ( ކައުންސިލަރުން) ކުޅުދުއްފުށި ސިޓީގެ ތަރައްގީގެ މަސައްކަތް ފެއްޓުމަށް ކެތްމަދުވެފައި." އާތިފް ވިދާޅުވި އެވެ.
ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ، ސަރުކާރުން ދިނުމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ޝުކުރުއަދާ ކުރެއްވި އެވެ.
ސިޓީ ކައުންސިލަކީ ރަށްވެހިކަމުގެ ގިނަ ހިދުމަތްތަކެއް މަތިވެފައިވާ މުއައްސަސާއެއްކަން ފާހަގަކުރައްވައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، ކައުންސިލްގެ އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާކޮށް، އޮނިގަނޑަށާއި ހިންގާ ގަވައިދަށް ބޭނުންވާ އިސްލާހުތައް ގެނެސް ދާއިރާތަކަށް މަދުވާ މުވައްޒަފުންވެސް ހަމަކޮށް އިދާރާގެ ހުރިހާ ގުނަންތައް ފުރިހަމައަށް ހަރަކާތް ކުރެވޭ ވަރުގެ ހަކަތަ ހޯދައިދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ވައުދުތައް ފުއްދުމަށްޓަކާ މަޝްރޫއުތައް ވިލަރެސްކޮށް ހިންގުމަށް ކައުންސިލަރުންނާއި ފަންނީ ބޭފުޅުންނާއި ރައްޔިތުން ހިމެނޭގޮތަށް ވޯކިންގ ގުރޫޕްތަކެއް ހަދައި ވޯކިންގ ގުރޫޕްތަކުގެ ބެލުމުގެ ދަށުން އެކަންކަން ކުރިއަށްގެންދާނެ ގޮތް ރޭވަން ޖެހޭނެކަމަށެވެ.
ސަރުކާރާއި މިނިސްޓްރީތަކުން ކުރަން ނިންމާފައިވާ ކަންތައްތަކާއި އަދި ހިންގާ ތަރައްގީގެ މަޝްރޫއުތައްވެސް ކައުންސިލުން ވަރަށް ގާތުން ބަލައި މަސައްކަތްކުރަން އެބަޖެހޭ ކަމަށެވެ.
އެގޮތުން ހިންގޭ މަޝްރޫއުތަކީ ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް އޭގެ ފުރިހަމަ ނަފާ ލިބޭނެ އަދުގެ ދުނިޔޭގައި އެހެން ގައުމުތަކުގައިވެސް އެކަންކަން ހިނގައި އުސޫލުން ހިނގާނެކަން ޔަގީންކުރުމަކީ މިއަދު މުހިންމުކަމެއް ކަމަށް އާތިފް ވިދާޅުވި އެވެ.
"ރަށުގައި މިހާރު ހުރި ބޮޑެތި މައްސަލަތަކުގެ ހައްލު ހޯދުމަށް ކުރަން ޖެހޭ މައްސަލަތައް މިއަދުން މިއަދަށް އެބަ ފައްޓަން ޖެހޭ." މޭޔަރު ވިދާޅުވި އެވެ.