މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް (ޕެސްޓް)ގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިފި އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ފުލުހުން ހިންގި އޮޕަރޭޝަން އެއްގައި 2.5 ކިލޯގެ މަސްތުވާ ތަކެއްޗާއެކު ޕެސްޓް ހައްޔަރު ކޮށްފައިވަނީ އިތުރު 3 މީހަކާއި އެކީއެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލައިގެ ލިޔެކިޔުންތައް ލިބުނުތޯ ސާފުކުރި އިރު، ޕެސްޓަށް ލިޔެކިޔުންތައް ލިބިފައި ނުވާތީ އަޑުއެހުން ވަނީ ނިންމާލާފައެވެ. ނަމަވެސް ބަންދު ރިވިއު ކުރުމުގެ އަޑުއެހުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މައްސަލައިގައި ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުގައި ބެހެއްޓުމަށް ވަނި ރިވިއު ކޮށްފައެވެ.
އަޑުއެހުމުގައި ވާހަކަ ދައްކަމުން ޕެސްޓްގެ ވަކީލުން ވިދާޅުވެފައިވަނީ އޭނާއަކީ ތަފާޓު ހުނަރެއް ބޭނުންކުރާ މުޖުތަމައުއަށް ބޭނުންތެރި މީހެއް ކަމަށެވެ. ހެކިތަކާ ޕެސްޓްއާ ގުޅުވާނެ ވަރެއް ނުވާނެކަމަށާއި، މި މައްސަލައިގެ ސަބަބުން ޕެސްޓުގެ އަބުރަށް ވަރަށް ބޮޑަށް އަސަރު ކޮށްފައވާކަމަށެވެ.
ނަމަވެސް ޕެސްޓުއާ ގުޅޭ ސީސީޓީވީ ފުޓޭޖް އެބަހުރި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. ރިޕޯޓް ރެޑީ ނުވާތީ ވީޑިއޯ އެނަލައިސިސް ރިޕޯޓް ވަނީ ހުށައެޅޭގޮތް ނުވެފައެވެ.
މައްސަލާގައި ހިމެނޭ ބައެއް ހެކިތައް ޝަރީއަތަށް ހުށަހަޅާނެ ކަމަށް ދައުލަތުން ބުނެފައިވާތީ މި ހާލަތަކީ ބަންދު ދޫކުރެވޭނެ ހާލަތެއް ނޫން ކަމަށާއި ބަންދުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރު ކުރާކަމަށް ބަންދާއި ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވެ އެވެ.
ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް ކޮށްފައިވާއިރު ޕެސްޓުގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއި ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.