twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ކުޅުދުއްފުށީގައި ކޮވިޑް ފެސިލިޓީއެއް ނެތުމުން މޭޔަރު ކަންބޮޑުވުންފާޅުކުރައްވައިފި

އަބްދުލް ވާހިދު ޙަސަން
May 28, 2021
4

މާލެ ފިޔަވާ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދައި ކުޅުދުއްފުށި ސިޓީގައި ކޮވިޑް ފެސިލިޓީއެއް ނެތުމުން، މޭޔަރު މުހައްމަދު އާތިފް ކަންބޮޑުވުންފާޅުކުރައްވައިފި އެވެ. ކޮވިޑް 19 އަށް ފަރުވާދިނުމަށް ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަރުވާދިނުމަށް ފެސިލިޓީތައް ހެދި އެވެ.

އެކަމަކު އަތޮޅުތެރޭގެ ދެވަނައަށް އެންމެ ގިނަ މީހުން ދިރިއުޅޭ އަދި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދައި ކުޅުދުއްފުށީގައި މިހާތަނަށް އައިރުވެސް ކޮވިޑަށް ފަރުވާދޭނެ ފެސިލިޓީއެއް ނެތެވެ. އެކަމާ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުންދަނިކޮށް، މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މޮނިޓަރިންގ ގައި އޮންނަ ރަށްތަކުންވެސް ބޭސް ފަރުވާއަށް ގިނަ ބަޔަކު މި ސިޓީއަށް އަންނައިރު އެ ފަރާތްތަކަށް ހިދުމަތް ދޭން ޖެހެނީ ކޭޕީއެލްގެ ގެސްޓް ހައުސް ބައި ތިއްބައިގެން ކަމަށެވެ.

ކޭޕީއެލްގެ ގެސްޓް ހައުސްގައި ބައިތިއްބައިގެން މިހާރުވެސް ވަރަށް ގިނަ ބަޔަކަށް ފަރުވާދެމުންދާއިރު ފެސިލިޓީއެއް ނެތުމުން ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. މިރަށުގައި ކޮވިޑް ފެސިލިޓީއެއް ނެތުމުން ވަރަށް ކަންބޮޑުވާ ކަމަށެވެ.

މުޅި އުތުރުގެ ރައްޔިތުން އެންމެ ގިނައިން ހިދުމަތް ހޯދަމުންދަނީ ކުޅުދުއްފުށިންކަން ފާހަގަކުރައްވައި، ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، މިދަނޑިވަޅުގައި ކޮވިޑް ފެސިލިޓީއެއް ކުޅުދުއްފުއްޓަށް ވަރަށް މުހިންމު ކަމަށާއި އުންމީދުކުރަނީ ސަރުކާރު އަވަސް މުސްތަގުބަލެއްގައި ފެސިލިޓީއެއް ގާއިމުވެގެން ކޮށްދޭނެ ކަމަށެވެ.

ކޮވިޑަށް ފަރުވާ ދެވޭނެ ގޮތެއް ކުޅުދުއްފުށީގައި ނެތްއިރު އެކަމުގެ ކަންބޮޑުވުން ދާދިފަހުން ވަނީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފްވެސް ފާޅުކޮށްފަ އެވެ. އެގޮތުން ކުޅުދުއްފުށީގައި ކޮވިޑް ފެސިލިޓީއެއް ނެތުމުން އުތުރުގެ ގިނަ ބަޔަކަށް ދަތިތައް ކުރިމަތިވާކަން ޔާސިރުވެސް ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355