ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރު ވުމުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ލިބޭ އާމްދަނީ އިތުރު ވެއްޖެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމަށް 613 މިލިއަން ޑޮލަރު ގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މި އަހަރުގެ ފުރަތަމަ ކްއާޓާގެ ކުއާޓަރީ ބްލެޓިންގައިވާ ގޮތުން ކުރިން އެވްރެޖުކޮށް 7.6 ދުވަހު ރާއްޖޭގައި ޓޫރިސްޓުން ތިބި ނަމަވެސް މިހާރު 8.9 ދުވަހަށް ވަނީ އިތުރުވެފަ އެވެ. މި އިތުރުވުމާއެކު ޓޫރިޒަމް އާމްދަނީއަށް ފަސް ޕަސެންޓް އިތުރުވެ، 28 މިލިއަން ޑޮލަރު ގެ އިތުރުވުމެއް ވަނީ ފާހަގަ ކުރެވިފަ އެވެ.
ޓޫރިޒަމްގެ އާމްދަނީއަށް އައި އިތުރުވުމާއެކު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ބޮޑުތަން މަތިވެފަ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި މި އަހަރު ޓެކުހުގެ ގޮތުގައި ލިބެމުން އަންނަ އާމްދަނީ އުންމީދު ކުރި ވަރަށްވުރެ އިތުރުވަމުން ދާކަން ފާހަގަ ކުރެވެ ކަމަށެވެ.
މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ 65 ޕަސެންޓް ހިއްސާ ކުރަމުންދަނީ މެދުތެރޭ ޔޫރަޕުން ނުވަތަ ރަޝިއަން ރީޖަންގެ ގައުމުތަކުން އަންނަ ޓޫރިސްޓުންނެވެ. މީގެ އިތުރުން އޭޝިއަން ރީޖަންގެ ގައުމުތަކުން އައި މީހުންގެ އަދަދު ވެސް 65 ޕަސެންޓް މަތިވި އެވެ.
ފުރިހަމަ ތިން މަހު ރާއްޖޭގެ ޓޫރިޒަމްގެ މައިގަނޑު ސޯސް ދެ މާކެޓު ކަމަށްވާ ރަޝިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ 23 ޕަސެންޓް ހިއްސާ ކުރިއިރު އިންޑިއާގެ ހިއްސާއަކީ 21 ޕަސެންޓެވެ.
ކޮވިޑް-19 އަށްފަހު ދުނިޔެ ހުޅުވަމުން ދިޔައިރު އެކި ގައުމުތަކުގެ ބޯޑަރުގައި ހުރި ދަތިތަކާއެކު ރާއްޖެ އައި ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުުރު ކުރި އެވެ. ނަތީޖާއަކަށްވީ ބޯޑަރު ހުޅުވުމަށް ފަހު އައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު އިތުރުވެ، ބެޑް ނައިޓަށް އައި ކުރިއެރުން ލިބުމެވެ.