ކޮވިޑް-19 ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް، ކުޅުދުއްފުށީގެ ޓެކްސީ ޑްރައިވަރުންނަށް ހަނދާންކޮށްދީފި އެވެ. ކޮވިޑް ހާލަތު މުޅި ރާއްޖޭގައިވެސް ގޯސްވަމުންދާތީ އާންމު ހިދުމަތްދޭ ފަރާތްތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ކައުންސިލާއި ހޮސްޕިޓަލުން ވަނީ ފަށާފައި އެވެ.
އެގޮތުން އަންގާރަ ދުވަހު ޓެކްސީ ޑްރައިވަރުންނާއެކު ވަނީ ބައްދަލުވުން ކުރިއަށްގެންގޮސްފަ އެވެ. އެ ބައްދަލުވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިން ޓެކްސީތަކަށް ހަދާފައިވާ އުސޫލުތައް ހަނދާންކޮށްދިނުމަށެވެ. އެގޮތުން މާސްކު ރަނގަޅަށް އެޅުމާއި ކުރީ ޝީޓަށް ފަސިންޖަރުން ނޭރުވުމާއި ޕާޓިޝަން ޖެހުން ފަދަ ކަންކަން ހަނދާންކޮށްދީފައިވެ އެވެ.
އަދި މީގެ އިތުރުން ހޯމް ކަރަންޓީނަށް މާލެއިން އަންނަ ފަރާތްތަކުން ނުއުފުލުމަށްވެސް ހަނދާންކޮށްދީފައިވެ އެވެ.
އެޗްޕީއޭގެ ގައިޑްލައިންގައި ޓެކްސީތަކުގައި ޕާޓްޝަން ޖެހުމަށް އުސޫލުގައި ކަނޑައަޅާފައިވީނަމަވެސް ކުޅުދުއްފުށީގައި ޓެކްސީތަކުގައި ޕާޓްޝަން ޖަހާފައެއް ނުވެ އެވެ. ޑްރައިވަރުން ބުނަނީ ޕާޓްޝަން ނުޖަހަނީ، ޕާޓްޝަން ޖަހައިގެން ދޮރުގެ ބިއްލޫރިގަނޑު ތިރިކޮށްގެން ދުއްވާނަމަ ގިނަ އަދަދެއްގެ ހިރަފުސް ކާރުތެރެއަށް ވަންނަ ކަމަށެވެ.
އަދި މާލޭގެ ހުރިހާ މަގުތަކެއްގައި ގާ އަތުރާފައި ހުއްޓަސް ކުޅުދުއްފުށީގައި ހަދާފައި ހުންނަނީ ވަރަށް މަދު މަގެއްކަން ޑްރައިވަރުން ފާހަގަކުރި އެވެ. އެހެންވުމުން މާލޭގައި ކާރުތެރެއަށް ވަންނަ ހިރަފުސް މަދުވިޔަސް މިރަށުގައި އެކަން އެގޮތަށް ނުވާނެކަން ޑްރައިވަރުން ފާހަގަކުރި އެވެ.
މި ބައްދަލުވުމުގައި ހޮސްޕިޓަލުންގެ ބައެއް ވެރިންނާއި ބައެއް ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އެވެ.