އިމަރޖެންސީ މެޑިކަލް ސަރވިސް (އީއެމްއެސް) ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް ހެލްތް މިނިސްޓްރީން ނިންމަވައިފި އެވެ.
އެ މިނިސްޓްރީން ބުނީ އީއެމްއެސް ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކޮށް އިމަރޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑް ކުރެވޭނެ ވަކި ހާއްސަ ނަންބަރަކަށް ގުޅޭނެ އިންތިޒާމު ހަމަޖައްސައި މިހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށިފައިވާކަމަށެވެ.
ހެލްތު މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ކޮވިޑް-19 ގެ ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި އެންމެ ހަގު ކުއްޖާކަމުގައިވާ އުުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދަށް ފަރުވާދިނުން ލަސްވެ ނިޔާވުމާ ގުޅިގެން ހެދިފައިވާ ރިވިއު ރިޕޯޓްގައެވެ.
މިރިޕޯޓްގައި މިފަދަ ހާދިސާއެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާތަނަށް ކުރެވެމުންދާ ކަންތައްތަކާއި އެޗްއީއޯސީގެ މެޑިކަލް އިމަރޖެންސީ ރެސްޕޮންސް މިހާރު ހިނގަމުންދާގޮތަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް ވަނީ ހާމަކޮށްފައެވެ.
އެގޮތުން މެޑިކަލް އިމަރޖެންސީ ރެސްޕޮންސް މިހާރު ހިނގަމުންދާ ގޮތަށް މައިގަނޑު 6 ބަދަލެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެއީ:
- ކޯލް ސެންޓަރަށް އަންނަ އިމަރޖަންސީ ކޯލްތަކަށް އަވަސް މިނުގައި ހުރިހާ ކްލަސްޓަރތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނިޓަރކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުން
- ކޯލް ސެންޓަރަށް އަންނަ ކޯލްތަކުގެ ތެރެއިން އިމަރޖެންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒްކުރެވޭނެ ނިޒާމް ޚަރުދަނާކުރުން
- އިމަރޖެންސީ ރެސްޕޮންސްގެ މުޅި ޕްރޮސެސްގައި ކޯޑިނޭޓްކުރަންޖެހޭ އެކި ފަރާތްތައް މަދުކުރުން. އަދި އެމަރޖެންސީ ކޭސްއަކަށް ޑޮކްޓަރަށް އަވަހަށް އެޓެންޑްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި މަދުވަގުތުކޮޅެއްގެ ތެރޭގައި އެމަރޖެންސީ ކޭސްއަކަށް ބޭނުންވާ އެމްބިއުލަންސް ޓްރިގަރކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލުގެނައުން
- އެމަރޖެންސީ ކޭސްއަކާ ގުޅޭ މައުލޫމާތު ޑީއެމްއާރުޓީއަށް ސީދާ ވަގުތުން ދާނެ ގޮތްތަކާއި މި ކޭސްތަކަށް ޑޮކްޓަރުންނަށް އެޓެންޑްވެވޭކަން ކަށަވަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. ޑީއެމްއާރުޓީ އަކީ އެޗްއީއޯސީގައި ހަރަކާތްތެރިވާ މެޑިކަލް ރެސްޕޯންސް ޓީމެވެ.
- ކޯލް ސެންޓަރަށް ގުޅާ ފަރާތްތަކުގެ ތެރެއިން އިމަރޖެންސީ ކޭސްތަކުގައި ޑީއެމްއާރުޓީން ގުޅުމުން ދިމާނުވާ ފަރާރްތަކަށް އެޓެންޑްކުރެވޭނެ އިންތިޒާމުތައް ރޭވުން
- މިކަމަށް ޚާއްސަކޮށް ތައްޔާރުކުރެވިފައިވާ އޯބީ ސިސްޓަމް ހުރިހާ ކްލަސްޓަރތަކަކުން ގަވާއިދުން ބޭނުންކުރަމުންގެންދާކަން ކަށަވަރުކުރުން. އަދި ސިސްޓަމް މައްސަލައެއް ދިމާވެއްޖެނަމަ ބެކަޕް ނިޒާމެއް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުން
މިނިސްޓަރ އަހުމަދު ނަސީމް ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާ މިޝްކާ ކުއްލި ގޮތަކަށް ނިޔާވުމުގައި ކަމާގުޅޭ ފަރާތްތަކުގެ އިހުމާލު އެބައޮތްކަމަށް ވިދާޅުވެފައެވެ. އަދި ކޭސް ރިވިއު ހާމަކުރައްވާ އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ހެލްތް މިނިސްޓްރީން ވަނީ ދީފައެވެ.