twitterviber whatsapp telegramfacebookyoutube instagram
29th March 2024

މިޝްކާގެ މަރު، އިންތިހާ ދަރަޖައިގެ އިހުމާލު

Jun 5, 2021
1

ކޮވިޑް-19 ޖެހިގެން މިދިޔަ އަންގާރަ ދުވަހު ނިޔާވި ކުޅުދުއްފުށީ، ލާޖަހާގެ ފާތިމަތު މިޝްކާ މުޙައްމަދުގެ ހާލަތު ގޯސްވެގެން އިމަޖެންސީކޮށް ގުޅިފަހުން އެމްބިޔުލާންސް އެކްޓިވޭޓް ނުވެ 2 ގަޑިއިރާ 26 މިނެޓް ވެފައިވާކަން ކަށަވަރުކޮށްދީފިއެވެ.

މި ކޭސްއާ ގުޅިގެން ހެލްތް ނިސްޓްރީއިން މިރޭ ނެރުނު ރިޕޯޓުގައި އެޗްއީއޯސީއިން ޚިދުމަތް ދިނުމަށް އެކުލަވާލާފައިވާ ކްލަސްޓަރތަކުން މިޝްކާގެ ކޭސްއާއި ގުޅިގެން އަމަލުކޮށްފައިވާ ގޮތްތަކާއި، އަންގާރަ ދުވަހު ކަން ހިނގާފައިވާ ގޮތާއި ފާހަގަ ކުރެވުނު ކަންކަން އަދި މިކަމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފައެވެ. ފަރުވާ ލަސްވުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން މި ރިޕޯޓުން ވަނީ ހާމަވެގެންގޮސްފަ އެވެ.

ރިވިޔުގައި ބުނެފައިވާ ގޮތުން މިޝްކާގެ ހާލު ބޮޑުވެގެން ގުޅިފަހުން އެމްބިޔުލާންސް އެކްޓިވޭޓް ނުވެ 2 ގަޑިއިރާއި 26 މިނެޓް ވެފައިވާއިރު އެމްބިޔުލާންސް އެންމެ ފަހުން އެކްޓިވޭޓް ކުރެވިފައިވަނީ އާއިލާގެ ފަރާތުން މީހަކު ދަރުބާރުގެއަށް ފޮނުވުމުންނެވެ.

ރިވިޔުގައި އެޗްޕީއޭގެ ކޯލް ލޮގްތަކުން ފާހަގަވާކަންކަން ހާމަކޮށްފައިވެއެވެ.

މިގޮތުން މިޝްކާގެ ހާލު ގޯސްވެގެން ހޯމަ ދުވަހުގެ ރޭ 21:06 ގައި އާއިލާއިން ކޯލްސެންޓަރާއި ގުޅާ މައުލޫމާތު ހިއްސާ ކުރި ފަހުން، ޑޮކްޓަރަކަށް ބެލެނިވެރިޔާއަށް ގުޅިފައިވަނީ 1 ގަޑިއިރާއި 27 މިނެޓް ފަހުންކަން ހާމަވެއެވެ. އަދި ޑޮކްޓަރ ތަފްސީލީ މައުލޫމާތު ނެގުމަށްފަހު، އެމްބިޔުލާންސް އެކްޓިވޭޓް ކުރުމަށް ކަނޑައެޅިފައިވާ ދެ ކްލަސްޓަރ އަށް މައުލޫމާތު ހިއްސާކުރިތާ 53 މިނެޓް ވީއިރުވެސް އެމްބިޔުލާންސް އެކްޓިވޭޓް ކުރެވިފައި ނުވެއެވެ.

ޕޮޒިޓިވް ވި ހިސާބުން އިހުމާލު

ރިވިޔުގައި ވާގޮތުން މިޝްކާ ޕޮޒިޓިވް ވެފައިވާކަން އާއިލާއަށް އެންގިފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

މިކަން ބެލެނިވެރިޔާއަށް އެންގުމުން، އާއިލާއިން ވަނީ ޑޮކްޓަރުގެ ކޮންސަލްޓޭޝަނެއް ބޭނުންވާ ކަމަށް ކޮންޓެކްޓް ޓްރޭސިންގ ޓީމަށް އަންގާފައެވެ. ނަމަވެސް ހާލުބޮޑުވެގެން އާއިލާއިން ގުޅުމާއި ހަމައަށް، ޑޮކްޓަރ ކޮންސަލްޓޭޝަންއެއް ހަމަޖައްސައިދީފައި ނުވެއެވެ. ނަމަވެސް އާއިލާގެ ރިކުއެސްޓް ކޮންޓެކްޓް ޓްރޭސިން ޓީމުން އުސޫލާއި އެއްގޮތަށް ރެކޯޑުކޮށް ބޭނުންކުރަމުންދާ އޯބީ ސިސްޓަމަށް އަޅާފައިވާކަމަށް ރިވޔުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، އުސޫލެއްގެ ގޮތުން ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ކެއަރ ކްލަސްޓަރ އިން ގުޅަން ޖެހުނު ނަމަވެސް މި ދެ ދުވަހުގެ ތެރޭގައި ގުޅާފައި ނުވާކަން ވެސް ރިވިޔުގައި ވަނީ ފާހަގަކޮށްފައިވެއެވެ.

ހޯމަ ދުވަހު ހިނގި ކަންކަމުން ފާހަގަވާ މައިގަނޑު ކަމަކީ މިއީ އިމަރޖެންސީ ހާލަތެއް ކަމަށް ބެލިފައި ނެތުންކަމަށާއި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކުރެވިފައި ނުވާކަމަށް ރިވިޔުގައި ބުނެފައިވެއެވެ. އަދި އެމްބިޔުލާންސް ޓްރިގަރ ކުރަންޖެހޭ ވަގުތުގައި ޓްރިގަރ ކުރެވިފައި ނުވާކަން ރިވޔުގައި ބަޔާންކޮށްފައިވެއެވެ.

އަދި، ކޯލް ލޮގަތަކަށް ބެލުމުން، ކުއްޖާގެ ހާލަތުގެ ސީރިއަސް މިންވަރާއި އެހީއަށް ބޭނުންވާ އަވަސް މިން ކޯލް ސެންޓަރުން ސާފުކޮށްފައިނުވާ ކަން ފާހަގަކޮށްފައިވެއެވެ.

ކޯލް ސެންޓަރާއި ސިސްޓަމް އަދި އިމަޖެންސީ ރެސްޕޮންސް ކްލަސްޓަރ ދޭތެރޭ އިންތިހާއަށް ލަސްކަން

އެޗްޕީއޭގެ ކޯލް ސެންޓަރުގެ ކޯލް ލޮގްތައް ދައްކާގޮތުން، މިޝްކާ ހުންގަދަވެ، ކެއްސާ، ކާއެއްޗެއް ނުކެވޭތީ އެންމެ ފުރަތަމަ ބެލެނިވެރިޔާ ގުޅާފައިވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 14:20 ގައެވެ. ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާ މައުލޫމާތު ހިއްސާކުރުމުން، ދޮޅު ގަޑިއިރެއްހާއިރު ފަހުން މެޑިކަލް ރެސްޕޮންސް ޓީމް (ޑީއެމްއާރުޓީ) ގެ ފަރާތުން ޑޮކްޓަރެއް ގުޅާ ކޮންސަލްޓޭޝަންއެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ގޭގައި ބޭނުންކުރަމުންދިޔަ ބޭސް ކުރިއަށް ގެންދިޔުމަށާއި އިތުރު ކަމެއް ދިމާވެއްޖެނަމަ އަލުން އަނބުރާ ގުޅުމަށް ޑޮކްޓަރު ލަފާދިނެވެ.

އެރޭ 21:06 ގައި ބެލެނިވެރިޔާ ވަނީ ކޯލް ސެންޓަރަށް އަލުން ގުޅާ ނޭވާލާން އުނދަގޫވެ އަތްތަޅުވާކަމާއި ހާލަތު އިތުރަށް ގޯސްވާހެން ހީވާކަމަށާއި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަމަށް ބުނެފައެވެ.

މިމައުލޫމާތުތައް ސިސްޓަމަށް އެވަގުތު އެޅުނު ނަމަވެސް މެޑިކަލް ރެސްޕޮންސް ޓީމްގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅުމަށް މަސައްކަތް ކޮށްފައިވަނީ 47 މިނެޓް ފަހުންނެވެ. ނަމަވެސް ޑީއެމްއާރުޓީގެ ޑޮކްޓަރަށް މިވަގުތު ބެލެނިވެރިޔާއަށް ގުޅޭނެ ގޮތެއް ނުވުމުން، މައުލޫމާތު ޝީޓުގައި "އެޓެންޑެޑް" ކަމަށް އެ ޓީމުން އަޅާފައިވެއެވެ.

ކޯލް މިސްވެފައިވާތީ، އޭގެ 13 މިނެޓް ފަހުން ބެލެނިވެރިޔާ އަލުން ކޯލް ސެންޓަރަށް ގުޅިއެވެ. މި މައުލޫމާތު ކޯލް ސެންޓަރުން ލިބުމުން، ޑީއެމްއާރުޓީއިން އަނބުރާ 27 މިނެޓް ފަހުން ގުޅާފައިވެއެވެ. އޭރު ގަޑިން 22:33 އެވެ.

ޑީއެމްއާރުޓީގެ ޑޮކްޓަރ ގުޅުމުން ބެލެނިވެރިޔާ ވަނީ މިޝްކާގެ ހާލަތު ތަފްސީލުކޮށް ކިޔައިދީފައެވެ. މިގޮތުން މިއީ ކޮވިޑް ޕޮޒިޓިވް ކޭސް އެއްކަމާއި، ނޭވާލާން އުނދަގޫވާތާ 1 ދުވަސްވެފައިވާ ކަމާއި، ދެ ދުވަސް ވަންދެން ހިކި ކެއްސުމެއް ހުންނަ ކަމާއި 6 ދުވަސް ވަންދެން ހުންއަންނަ ކަމާއި، މިޝްކާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާއި ދާއިމީ ބޭހެއް ބޭނުން ނުކުރާކަމާއި ނަމަވެސް ތެރަޕީ ނަގާކަމާއި ބަލި ހާލަތުގެ ސަބަބުން ވާ އުނދަގޫ އަމިއްލައަށް ކިޔައި ނުދެވޭކަން ޑޮކްޓަރ ވަނީ ނޯޓުކޮށްފައެވެ.

މިކޯލަށްފަހު މި މައުލޫމާތު ކްލިނިކަލް އެންޑް މެޑިކަލް އެޑްވައިޒަރީ ޓީމް (ސީމެޓް) އަށް ޑޮކްޓަރު ފޮނުވިއެވެ. ނަމަވެސް މިހާ ހިސާބުންވެސް އެމްބިޔުލާންސް އެކްޓިވޭޓް ކުރެވިފައި ނުވެއެވެ. ޑީއެމްޓީ އަދި ސީމެޓް، މި ދެ ކްލަސްޓަރ އަކީ އެންބިޔުލާންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓަރ ކަން ރިވޔުގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ ފަހުން، 23:16 އާއި 23:33 އާއި ދޭތެރޭ 5 ފަހަރު ކޯލް ސެންޓަރަށް ބެލެނިވެރިން ގުޅާފައިވެއެވެ. މިތަނުން އެއްކޯލްގައި ކުއްޖާ ހޭނެތިފައިވާކަމަށާއި ނޭފަތުން ލޭ އަންނަ ކަމަށް ބުނެފައިވެއެވެ. އަދި އެމްބިޔުލާންސް ފޮނުވާނެކަމަށް ބުނެފައިވާކަމަށާއި ނަމަވެސް އެމްބިޔުލާންސް ލަސްކަމަށް ބުނެފައިވެއެވެ. އަދި ކޯލް ސެންޓަރުގެ ފަރާތުންވެސް އެމްބިޔުލަންސް ފޮނުވިފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިހާތަނަށް އެމްބިޔުލަންސް އެކްޓިވޭޓް ކުރެވިފައި ނުވެއެވެ.

އިމަޖެންސީ މެޑިކަލް ސަރވިސް (އީއެމްއެސް) އަށް އެމްބިޔުލަންސް ބޭނުންވާކަމަށް އެންމެ ފަހުން އެންގުނީ 23:32 ގައެވެ. އެއީ އެމްބިޔުލަންސް ދިޔުން ލަސްވެގެން ދަރުބާރުގެއަށް ބެލެނިވެރިޔާ މީހަކު ފޮނުވުމުންނެވެ. އީއެމްއެސް އަށް މިކަން އެންގުމުން އާއިލާއަށް ގުޅާ އެމްބިޔުލާންސް ދާނެކަމަށް މައުލޫމާތުދީ، 6 މިނެޓް ފަހުން އެގެއަށް ގޮސްފައިވެއެވެ. ކުއްޖާ އައިޖީއެމްއެޗް އިމަޖެންސީ ރޫމަށް ގެންދެވިފައިވަނީ 23:42 ގައެވެ.

އިމަޖެންސީ ރެސްޕޮންސް ހިނގަމުންދާ ގޮތަށާއި ޕޮޒިޓިވް މީހުންނަށް ފަރުވާދޭގޮތަށް ބަދަލުތަކެއް

މިކަމާ ގުޅިގެން ކުރަމުންދާ ކަންކަމުގެ ތެރޭގައި މެޑިކަލް އިމަޖެންސީ ރެސްޕޮންސް ހިނގަމުންދާގޮތް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިގޮތުން ކޯލް ސެންޓަރަށް އަންނަ އިމަޖެންސީ ކޯލްތަކަށް ރަނގަޅަށް ކެޓަގަރައިޒްކޮށް، ހުރިހާ ކްލަސްޓަރ ތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނިޓަރ ކުރާނެކަމަށް ރިވިޔުގައިވެއެވެ.

އަދި އިމަޖެންސީ ރެސްޕޮންސްގައި ކޯޑިނޭޓް ކުރަން ޖެހޭ ފަރާތްތައް މަދުކޮށް، އިމަޖެންސީ ކޭސްއަކަށް ޑޮކްޓަރަށް އަވަހަށް އެޓެންޑް ވެވޭނެ އިންތިޒާމް ހަމަޖައްސާ، އަވަހަށް އެމްބިޔުލާންސް ޓްރިގަރ ކުރެވޭނެ ގޮތަށް ނިޒާމް ބަދަލު ކުރެވޭނެކަމަށް ބުނެފައިވެއެވެ.

އަދި، އިމަޖެންސީ ކޭސްތަކާއި ގުޅޭ މައުލޫމާތު މެޑީކަލް ޓީމަށް ސީދާ ގޮސް، ގުޅުމުން ދިމާނުވާ ފަރާތްތަކަށް އެޓެންޑްކުރެވޭނެ ގޮތްތަކެއް ރޭވޭނެކަމަށް ވެއެވެ. އަދި، ހާއްސަކޮށް ތައްޔާރުކުރެވިފައިވާ އޯބީ ސިސްޓަމް ގަވައިދުން ބޭނުންކުރަމުންދާކަށް ކަށަވަރުކުރެވޭނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ޕޮޒިޓިވް ވާ ފަރާތްތަކަށް އޯޕީޑީ ހިދުމަތް ދީ، ހޮސްޕިޓަލަށް ގޮސްގެން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާކަމަށް ބުނެފައިވެއެވެ.

އިމަޖެންސީ ހާލަތުގައި ސިއްހީ ހިދުމަތްދޭ ތަނަކަށް ގުޅާ އެމްބިޔުލާންސް ހޯދުމަށް އެދެފިނަމަ، އެމްބިޔުލަންސް ފޮނުވަން ޖެހޭ ގޮތަށް އުސޫލް ކަނޑައަޅައި ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި އިމަޖެންސީ މެޑިކަލް ސަރވިސް ވަކި ހިދުމަތެއް ގޮތުގައި ޤާއިމްކޮށް ވަޖި ހާއްސަ ނަންބަރަކަށް ގުޅޭނެ ނަންބަރަކަށް ގުޅޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީއިން ވަނީ ރިވިޔުގައި ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355