މިދިޔަ ބުދަ ދުވަހު ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 45 އަހަރުގެ މީހާ، ކޮންޓެކްޓް ޓްރޭސިން އަށް އެއްބާރުލުން ނުދޭކަމަށް ބުނެ ކުރި ރިޕޯޓް އެ އާއިލާއިން ދޮގުކޮށްފި އެވެ.
ސީކުއީން ބޯޓްގައި މަސައްކަތްކުރާ އެ މީހާ ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުން ނުދީ އަދި އެކަމުގެ ސީދާ މައުލޫމާތު ދިނުމަށް ދެކޮޅު ހެދިކަމަށް ހެލްތް އޮފިސަރުން ވަނީ ވިދާޅުވެފައި އެވެ. އެހެންވެ އެ މީހާ 5000 ރުފިޔާ ޖޫރިމަނާކޮށްފައިވާކަމަށްވެސް އޮފިސަރުން ކޭއޯއަށް ވަނީ މައުލޫމާތުދީފައި އެވެ.
އެކަމަކު އެކަން ވަނީ އެ އާއިލާއިން ދޮގުކޮށްފަ އެވެ. ޕޮޒިޓިވްވި 45 އަހަރުގެ ފިރިހެން މީހާގެ އާއިލާގެ ގާތް މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، ބަލީގެ އަލާމާތްތައް ފެނުމުން ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކީވެސް އަމިއްލައަށް ކަމަށެވެ. އެތަނުގައި ވަކިން ހާއްސަކޮށް ކޮވިޑް އޯޕީޑީއެއްވެސް ނެތް ކަމަށާއި އަލާމާތް ހުރެގެން ގޮސް ދެއްކީވެސް އާންމު މީހުން ދައްކާ އޯޕީޑީއަށް ކަމަށް އެ މީހާ ބުންޏެވެ.
"ބަލީގެ އަލާމާތްތައް ހުރުމުން މިކޮޅު ހޮޓްލައިންއަށް ގުޅާ މައުލޫމާތު ދިނީމަ ބުނީ ހޮސްޕިޓަލަށް ގޮސް އަމިއްލައަށް ޑޮކްޓަރަކަށް ދައްކަން." އެ މީހާ ކިޔައިދިނެވެ.
އެ މީހާ ބުނީ، ހޮސްޕިޓަލަށް ދިނީ ތެދު މައުލޫމާތު ކަމަށާއި އެއްބާރުލުން ދިން ކަމަށެވެ. އެއްބާރުލުން ނުދޭކަމަށް ސިއްހީ އޮފިސަރުންނާ ހަވާލާދީ ނޫހުގައި ރިޕޯޓްކޮށްފައިވަނީ ދޮގު މައުލޫމާތުކަމަށްވެސް އޭނާ ބުންޏެވެ. އެ މީހާ ބުނީ ޖޫރިމަނާކުރިކަންވެސް އެނގުނީ މީޑީއާއިން ކަމަށާއި ޖޫރިމަނާކުރިކަމެއްވެސް ރަސްމީ އިދާރާއަކުން އަދި އަންގާފައިނުވާ ކަމަށެވެ.
" އެ މީހުން ބުނީ އެއްބާރުލުން ނުދެންޏާމުން ޖޫރިމަނާކުރަން ޖެހިދާނެއޭ. ޖޫރިމަނާކުރާނެ ވާހަކައެއް ނުބުނޭ. އަދި ކޮށްފައި ރަސްމީ އިދާރާއަކުންވެސް އަންގާފައެއް ނުވޭ. ފޯރުކޮށްދިނީ ތެދު މައުލޫމާތު. އެއްބާރުލުންދިނިން." އާއިލާގެ ފަރާތުން ވާހަކަދެއްކި އެ މީހާ ބުންޏެވެ.
އޭނާ ބުނީ އެ ދުވަހު ޑޮކްޓަރަށް ދެއްކުމަށްފަހު ގެޔަށް އައިސް ހޮސްޕިޓަލަށް ރިޕޯޓްކުރުމަށް އެތަށް ފަހަރު ގުޅަން ޖެހުނު ކަމަށާއި ގެޔަށް އައިކަން ރިޕޯޓްކުރުމަށް އެކި ނަންބަރުތަކުން ހޮޓްލައިނަށް 50 ހަކަށް ކޯލް ކުރަން ޖެހުނު ކަމަށެވެ. އޭނާ ބުނީ ހޮޓްލައިނަށް އެކަށީގެންވާ ވަރަށް ޖަވާބުދާރިވެސް ހޮސްޕިޓަލަށް ނުވެވޭ ކަމަށެވެ.
އެ އާއިލާގެ ބައެއް މީހުންނަކީ ނަފްސާނީ މައްސަލަތައް ހުންނަ ފަރާތްތަކުން ކަމަށާއި މިކަމުގެ ސަބަބުން ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށްވެސް އޭނާ ބުންޏެވެ.
ކޭއޯއާ ވާހަކަދެއްކި ބައެއް އޮފިޝަލުން ވިދާޅުވީ، އެ މީހާ ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުން ނުދޭ ކަމަށާއި އެކަމުގައި އެންމެ ފުރިހަމަ މައުލޫމާތު ދީފައިނުވާ ކަމަށެވެ. އެހެންވުމުން އެ މީހާ 5000 ރުފިޔާ ޖޫރިމަނާކޮށްފައިވާކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ.
މިހާތަނަށް އެ މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހަދާފައިވާނީވެސް އާންމު ފަރާތްތަކުން ދިން މައުލޫމާތުގެ އެހީގައި ކަމަށް އޮފިސަރުން ވިދާޅުވި އެވެ. އަދި ބައެއް މީހުން އަމިއްލައަށް ގުޅައި އެ މީހައާ ބައްދަލުވެފައިވާކަން ރިޕޯޓްކޮށްފައިވާކަންވެސް ހެލްތް އޮފިސަރުން ވިދާޅުވެ އެވެ.