twitterviber whatsapp telegramfacebookyoutube instagram
4th May 2024

2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެ ގަންނަން ޖެހުނު ލަދު ފިލުވާލައި އިޓަލީން ފެންވަރު ދައްކާލައިފި

Jun 12, 2021
1

ކޮވިޑް-19އާ ގުޅިގެން ފަސްކުރި ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ޔޫރޯ 2020 ފަށައިފި އެވެ. ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅެވުނު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އިޓަލީއާއި އާއި ތުރުކީ އެވެ.

މި މެޗުތައް ފެށުން ވެގެން ދިޔައީ ފުޓުބޯޅަ މުބާރާތްތައް ބެލުމަށާއި، ފުޓުބޯޅަ ސީޒަންތަކަށް އިންތިޒާރު ކުރާ ޒުވާނުންގެ މާޔޫސްކަން ފިލައި، އުފާވެރިކަން ގެނުވި ކަމަކަށެވެ.

މޮޅު ކުޅުމަކަށްފަހު 3-0 ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައިވަނީ އިޓަލީ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވި ނަމަވެސް އިޓަލީގެ ފަރާތުން ރީތި ހަމަލާތަކެއް ފެނިގެން ގޮސްފައި ވާއިރު ތުރުކީގެ ޑިފެންސް ލައިންގެ ފަރާތުންވެސް ވަނީ ރީތި ކުޅުމެއް ފެނިގެން ގޮސްފައެވެ.

ދެވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި ތުރުކީގެ މެރިހް ޑެމިރާލް އަތުން ބައިކޮޅަށް ވަން ލަނޑާއެކު އިޓަލީން ލީޑު ނެގިއެވެ. އެ ހިސާބުން ތުރުކީގެ ޓީމުން މުޅި ގޭމް ބަދަލުކޮށްލި އެވެ.

އެއާއެކު ތުރުކީގެ ޓީމުން ކުރިއަށް ޖެހި ހަމަލާތައް އުފައްދަން މަސައްކަތް ފެށިއެވެ. އެކަމުގެ ފައިދާނަގައި މެޗުގެ 66 ވަނަ މިނެޓުގައި އިޓަލީގެ ޗިރޯ އިމްމޯބިލޭ ވަނީ މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ އިމްމޯބިލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލޮރެންޒޯ އިންސީނިއޭއެވެ.

މެޗަށްފަހު އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނީ އަދި ތަށީގެ ވާހަކަ ދައްކަން އަވަސްކަމަށާއި އެހިސާބަށް ދާން އަދި ދިގު ރާސްތާއެއް ކަޑައްތު ކުރަން ޖެހޭނެ ކަމަށެވެ.

މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު ބައްދަލު ކުރާނީ ވޭލްސް އާއި ސުވިޒަލޭންޑެވެ. އަދި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޑެންމާކައި ފިންލޭންޑެވެ.

ކޮވިޑްގެ މި ހާލަތުގައި ދަނޑަށް ސަޕޯޓަރުން ވެއްދުމުގައިވެސް ޔޫއެފާއިން ގެންގުޅެނީ ހަރުކަށި އުސޫލުތަކެކެވެ. ރޭގެ މެޗަށްވެސް ވައްދާފައިވަނީ ދަނޑުގެ ޖާގައިގެ 25 އާއި 45 އިންސައްތައިގެ އަދަދެއްގެ ސަޕޯޓަރުންނެވެ.

ލިޔުނީ: މުޙައްމަދު އަޙުމަދު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355