ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ބަކޫގައި މިރޭ ވޭލްސް އާއި ސުވިޒްލޭންޑް ބައްދަލު ކުރި މެޗު 1 – 1 އެއްވަރުވެގެން ނިމިއްޖެއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސުވިޒަލޭންޑުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 49 ވަނަ މިނެޓުގައި އެޓީމުގެ ބްރީލް އެމްބޯލޯއެވެ. ޝަގީރީ ނަގައިދިން ކޯނަރަކުން އެމްބޯލޯ މި ލަނޑު ޖެހީ ބޮލުންނެވެ.
ވޭލްސްއިން މެޗު ފެށުނީއްސުރެ ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް އެމްބޯލޯގެ ގޯލާއެކު ވޭލްސްއިން ނަތީޖާ އަނބުރާލެވޭތޯ ކުރިއަށް ޖެހިގެން ކުޅެން ފެށިއެވެ. އަދި ނުރައްކާތެރި ހަމަލާތައް އުފައްދަން މަސައްކަތް ކުރިއެވެ. އެގޮތުން އެޓީމްގެ ބެން ޑޭވިސް ފޮނުވާލި ހަމަލާ ފާހަގަކުރެވެއެވެ. ނަމަވެސް މި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މީގެ އިތުރުން ސުވިޒަލޭންޑަށް ވެސް ވަނީ ނަތީޖާ ފުޅާ ކުރަން ފުރުސަތު ލިބިފައެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓްގައި އެމްބޯލޯ އަށް ލިބުން ފުރުސަތު ހިމެނެއެވެ.
މެޗުގެ 2 ވަނަ ލަނޑު 74 ވަނަ މިނެޓްގައި ކާމިޔާބުކޮށް ވޭލްސްއަށް ނަތީޖާ ހަމަހަމަ ކޮށް ދިނީ އެޓީމްގެ ކެއިފާ މޯ އެވެ.
މި ގުރޫޕްގެ އެއް ވަނައިގައި މިވަގުތު އޮތީ ތުރުކީގެ މައްޗަށް ހޯދި މޮޅާއެކު 3 ޕޮއިންޓާއެކު އިޓަލީއެވެ. ދެ ވަނައިގައި އޮތް ސުވިޒަލޭންޑާއި ތިން ވަނައިގައި އޮތް ވޭލްސްއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ހަތަރު ވަނައިގައި އޮތް ތުރުކީއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކޮވިޑް-19އާ ގުޅިގެން މިމެޗަށް ވައްދާފައިވަނީ 50 އިންސައްތަ ސަޕޯޓަރުންނެވެ. ރައްކާތެރިކަމުގެ ގޮތުން މުބާރާތް ބާއްވާ ގައުމުތަކުން ދަނީ ޔޫއެފާގެ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވަމުންނެވެ.