twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޑެންމާކްގެ އެރިކްސަން ހޭނެތިގެން ވެއްޓުނު ހަބަރާއެކު ފުޓުބޯޅައިގެ ދުނިޔެއަށް ސިހުން!

Jun 12, 2021

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ ޑެންމާކާއި ފިންލޭންޑް ބައްދަލުކުރާ މެޗުގައި ޑެންމާކުގެ މިޑްފީލްޑަރު ކުރިސްޓަން އެރިކްސަން ހޭނެތިގެން ކުއްލިގޮތަކަށް ވެއްޓުމާއި ގުޅިގެން މެޗު ހުއްޓާލައިފިއެވެ.

އެރިކްސަން ވެއްޓުނީ މެޗުގެ ގާތްގަޑަކަށް 40 މިނެޓް ކުޅެވުން ފަހުންނެވެ. އެރިކްސަން ވެއްޓުންއިރު އޭނާގެ ކައިރީގައި އެވަގުތު ޑެންމާކްގެ ބައެއް ކުޅުންތެރިން ތިއްބެވެ. އޭނާ ވެއްޓުމާއެކު މެޑިކަލް ޓީމުން ވަނީ ވަގުތުން ދަނޑަށް އަރައި އޭނާއަށް ކުއްލި ފަރުވާ ދޭން ފަށާފައެވެ. ޔޫއެފާއިން މިމެޗު ފަސްކުރުމަށްފަހު އަލުން މި މެޗު ކުރިއަށް ގެންދިއުމަށް ނިންމާ، މިހާރު މެޗު ފަށައިގެން ކުރިއަށް އެބަ ދެއެވެ.

ދެޓީމުގެ ސަޕޯޓަރުންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ މާޔޫސްކަމެވެ. ބީބީސީގެ ކޮމެންޓޭޓަރު ޖޮނަތަން ޕިއާސް ބުނީ މި ވަގުތު ޑެންމާކްގެ ޕާކެން ސުޓޭޑިއަމުން މިފެންނަ މަންޒަރުތަކަކީ ވަރަށް ހިތާމަވެރި މަންޒަރުތަކެއްކަމަށެވެ.

އެރިކްސަން ވެއްޓިފައި އޮތްއިރު ޑެންމާކްގެ ހުރިހާ ކުޅުންތެރިން ތީބީ އެނާ ވަށައިލައިގެނެވެ. އެރިކްސަންއަށް ދަނޑުމަތީގައި ފަރުވާދިނުމަށްފަހު މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އިޓަލީގެ އިންޓަމިލާނަށް ކުޅޭ އެރިކްސަންއަކީ ޑެންމާކްގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އެރިކްސަން އަށް ދިމާވި ހާލަތާ ގުޅިގެން ފުޓުބޯޅައަށް ލޯބިކުރާ އެންމެން އަންނަނީ އެކަމާ ހިތާމަ ފާޅު ކުރަމުންނެވެ. ދުނިޔޭގެ ފުޓުބޯޅަ މަޝްރަހުގައި މިވަގުތު އެންމެ ބާރަށް ދެކެވެމުންވެސް ދަނީ އެވާހަކައެވެ.

އެހެންނަމަވެސް އޭނާ މިހާރު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ.

މިމުބާރާތުގައި މިރޭ ބެލްޖިއަމް އާއި ރަޝިޔާ ބައްދަލުކުރާނެއެވެ. މިމެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރުއެވެ.

ލިޔުނީ: މުޙައްމަދު އަޙުމަދު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355