twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގައި ވަގުންގެ ދުއްތުރާ ބޮޑުވެ، ރައްޔިތުންނަށް ހަމަ ނިދި ނުލިބިފައި

ނަބީލާ އިސްމާޢީލް
Jun 14, 2021
11

އާބާދީގެ ގޮތުން ބޮޑު ރަށަކާއި އަޅާ ބަލާއިރު ކުޅުދުއްފުއްޓަކީ ކުށް މަދު ރަށެކޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. ނިސްބަތުން ބޮޑު އާބާދީއެއް ދިރިއުޅުނު ނަމަވެސް މި ރަށަކީ ކުށްމަދު ރަށެކެވެ. އެކަން ފުލުހުންގެ ރެކޯޑްތަކުންވެސް އެނގެ އެވެ. ކުށް މަދު ނަމަވެސް މި ރަށަކީވެސް އެހެން އާބާދީ ތަކެކޭ އެއްގޮތަށް ވަގުންގެ ނުރޮރުއްޕާންވެސް ޒަމާނުންސުރެއް ޖެހޭ ރަށެކެވެ.

ހުރިހާ ކުށެއްގެ ބައްޕަ އަކީ މަސްތުވާތަކެއްޗޭ ބުނެއުޅޭ ބީދައިން ވައްކަމުގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ ގިނަ މީހުންނަކީ މަސްތުވާތަކެތީގެވެސް ރެކޯޑު އޮންނަ މީހުންނެވެ.

މި ފަހަކަށް އައިސް ކުޅުދުއްފުށީގައި ވައްކަމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ރައްޔިތުންވަނީ މުދަލުގެ ރައްކާތެރިކަން ނެތި ބިރުވެރިކަމެއްގެ ތެރޭގައި ހަމަ ނިދި ނުލިބިފަ އެވެ. ބުރަ މަސައްކަތް ކޮށްގެން ހޯދާ މުދާކޮޅު ސިކުންތެއްގެ ތެރޭ ވަގަށް ގެންދިއުން ވާނީ ހިތްދަތި އިހުސާސަކަށް ކަން އެނގޭނީ އެ މުދަލުގެ ވެރިންނަށެވެ.

ވަގުންނަށް ވައްކަން ކުރުމަށް ފުރުސަތު ލިބެނީވެސް ރައްޔިތުންގެ މަދު ބައެއްގެ ފަރާތުން ލިބޭ ހިތްވަރުންކަން މިއީ ހިތާމައާއެކު ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ. މަދު ބަޔަކު ވަގުން ވައްކަން ކޮށްގެން ވިއްކާ މުދާ ހެޔޮއަގުގައި ގަތުމަކީ ވަގުންނަށް ވައްކަން ކުރުމަށް ލިބޭ ހިތްވަރެކެވެ.

އާބާދީ ބޮޑު ނަމަވެސް އަގުހެޔޮކޮށް އެއްޗެހި ވިއްކަމުން އަންނަ މީހާއަކީ އެފަދަ މީހެއްކަން ގިނަ މީހުންނަށް އޮންނާނީ ފަހުމުވެފަ އެވެ. އެކަމަކުވެސް އަގުހެޔޮވުމުން ވަގުތީ ދަހިވެތިކަމުގައި އަމިއްލަ އެދުމާހެދި ގަންނެވެނީ އެވެ.

ނިކަމެތި ރައްޔިތު މީހާ ބުރަ މަސައްކަތުން ހައްދައި ގަހުގެ ކެޔޮގަނޑު ވަގަށް ކަނޑާލައިގެން ގެންގޮސް ގިނަ ފަހަރަށް ވިއްކާލާނީ އަގުހެޔޮކޮށް ކޮންމެވެސް ވިޔަފާރިވެރިއަކަށެވެ. ދެރައީ އެވިޔަފާރިވެރިޔާވެސް ވަގުކަލޭގެ އަތުން އެ ތަކެތި ގަނެ ދެވަނަ ފަހަރަށްވެސް އެ ފުރުސަތު އެ މީހުންނަށް މަގުފަހި ކޮށްދޭކަމެވެ.

ވަގުން ވަގަށް ނުގެންދާނީ ކޯޗެއް ހެއްޔެވެ، ބަދިގޭގައި ކާން ބަހައްޓާފައި ހުންނަ ރިހާކުރު ފުޅި އާއި ފުރިޖުގައި ހުންނަ މަސްކޮޅުގެ އިތުރުން އެއްޗެހި ދޮންނަށް ބޭނުންކޮށްފަ ހުންނަ އޯމޯ ފުޅިއާއި ތަޅާފަ ހުންނަ ބޮނބި ކޮޅާ ވަށާފަ ހުންނަ ރޯނު ކޮޅުވެސް "ގެއްލެނީ" އެވެ.

ކުށް ކުރުން ގިނަވަނީ ކުށް ކުރާ މީހުންނަށް ލިބެންޖެހޭ ހައްގު އަދަބު ނުލިބުމުގެ ސަބަބުންކަން ޔަގީނެވެ. ނަމަވެސް އެ ފުރުސަތު އެ މީހުންނަށް ފަހިކޮށްދިނުމަށް އެ މީހުންނަށް އެއްބާރުލުންދޭ ބަޔަކަށް ނުވަމާތޯ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355