އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ހުރިހާ އެންމެން ހައިރާން ކޮށްލައި ޕޯޗުގަލްއިން ވަނީ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް މިފަހަރު ހުރިހާ އެންމެންގެ ވެސް ސުވާލަކީ ޕޯޗުގަލްއަށް އަލުން އެ ކާމިޔާބީ ތަކުރާރުކުރެވޭނެބާ އެވެ؟
މިފަހަރުގެ މުބާރާތުގައި ޕޯޗުގަލް ލައްވާލައިފައިވަނީ އެންމެންވެސް ކިޔާ ގޮތުންނަމަ "ގުރޫޕް އޮފް ޑެތް" ނުވަތަ މަރުގެ ގުރޫޕްގައެވެ. ގުރޫޕް އެފްގައި ޕޯޗްގަލްއާއި އެކު ދެން ހިމެނެނީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފުރާންސާއި ހަތަރު ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނެވެ. މި ގުރޫޕްގައި ދެން ހިމެނެނީ ހަންގޭރީއެވެ.
މިފަހަރުގެ މުބާރާތާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންތޯސް ބުނެފައިވަނީ އޭނާގެ ޕޯޗުގަލްގެ މަޤާމާ ހަވާލުވީންސުރެ އަމާޒަކީ ކުޅޭ ހުރިހާ މުބާރާތެއްގެ ފައިނަލާ ހަމައަށް ދަތުރުކޮށް ތަށި ކާމިޔާބުކުރުން ކަމުގައެވެ. މިފަހަރުވެސް މުބާރާތުގެ ކުރިން ސަންތޯސް ބުނީ އޭނާ މުބާރާތަށް ދަތުރު ކުރާނީ މަހަކަށް ވާވަރަށް ފޮށި ތަންމަތި ބަނދެގެން ކަމަށެވެ. މީގެ ފަސް އަހަރު ކުރިން އޭނާ މިހެން ބުނިނަމަ މީހުން ކުރީހީ މަލާމާތެވެ.
2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕޯޗުގަލް މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނިފައެއް ނުވެއެވެ. އެފަހަރު ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކުނީ ފުރާންސާއި ޖަރުމަނާއި އިޓަލީއާއި ބެލްޖިއަމާއި ސްޕޭނާއި އިންގްލޭންޑް ފަދަ ގަދަބާރުތަކެވެ. ނަމަވެސް އިތުރު ވަގުތުގެ 109 ވަނަ މިނެޓުގައި އެޑާ ކާމިޔާބުކޮށްދިން ގޯލާއެކު ފުރާންސްގެ މައްޗަށް ކުރި ހޯދައި ޕޯޗުގަލުން ވަނީ މުޅި ދުނިޔޭއަށް ސިހުން ގެނުވާފައެވެ. އެއީ ބައިނަލްއަގުވާމީ މުބާރާތެއްގެ ތަށި އެޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ޕޯޗުގަލްގެ ކެޕްޓަން އަދި ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑު ހާސިލް ކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ރޮނާލްޑޯގެ މިއީ ފަސްވަނަ ޔޫރޯ ފުޓުބޯޅަ މުބާރާތެވެ. މިއީވެސް މިހާތަނަށް މިމުބާރާތުގައި އެހެން ކުޅުންތެރިން އަކަށް ހޯދިފައިވާ ކާމިޔާބީއެއް ނޫނެވެ.
އެހެންނަމަވެސް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންތޯސް ބުނީ އޭނާ ބޭނުންވާވަރުގެ ކުޅުމެއް ރޮނާލްޑޯގެ ފަރާތުން ނުފެންނަންޔާމުން އޭނާވެސް ޖެހޭނީ ބެންޗުގައި މަޑުކުރަން ކަމަށެވެ. މިކަން އޭނާއަށް ވިސްނެއް ޖެހޭނެ ކަމަށެވެ.
ޕޯޗުގަލުން މިފަހަރުގެ ޔޫރޯއަށް ނެރެފައިވަނީ ވެސް ވަރަށް ވަރުގަދަ ޓީމެކެވެ. ޑިފެންސް ލައިނަށް ބަލާލި ކަމުގައިވިއަސް ތިބީ މޮޅެތި ކުޅުންތެރިންނެވެ. މެންޗެސްޓާރ ސިޓީގެ ސެންޓަރ ބެކް ރުބެން ޑިއާސް އާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓުމަންޑަށް ކުޅޭ ރަފޭލް ގުރޭރޯ ފަދަ ކުޅުންތެރިން ހިމެނެއެވެ. އެޓޭކަށް ބަލާލާއިރު ކްރިސްޓިއާނޯ ރޮނާލްޑޯއާއި މެދުތެރެއިން ބުރޫނޯ ފަނާންޑޭޒް ފަދަ މޮޅުތި ކުޅުންތެރިން ހިމެނެއެވެ.
ފުޓުބޯޅައިގެ ބައެއް ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި މިފަހަރުގެ ޔޫރޯ ވެގެންދާނީ ޕޯޗުގަލްއަށް އުދަނގޫ ޗެލެންޖަކަށެވެ. މުބާރާތުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު ބައްދަލުކުރާނީ ހަންގޭރީއާއެވެ.