އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހުގެ ގައުނުމުގެ ބިލު ބަލައިގަންނަން ނެގި ވޯޓުގައި މަޖިލީހުގައި ތިއްބެވި ކުޅުދުއްފުށި ދެ މެންބަރުން ބައިވެރިވެވަޑައެއް ނުގެންނެވި އެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލު ބަލައިގަންނަން ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ. ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓް ދެއްވިއެވެ.
މަޖިލީހުގެ އިދާރާގެ ވެބްސައިޓްގައި މެންބަރުން އެ ބިލަށް ވޯޓް ދިން ގޮތުގެ ތަފްސީލްތައް މިހާރު ވަނީ ޝާއިއުކޮށްފައެވެ.
ވޯޓް ދިން ގޮތުގެ ލިސްޓަށް ބަލާއިރު މަޖިލީހުގައި ތިއްބެވި ކުޅުދުއްފުށި ސިޓީގެ ދެ މެންބަރުން ވެސް ވޯޓުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް ނުދައްކައެވެ. ބިލުގެ އިބްތިދާއީ ބަހުސްގައިވެސް މި މެންބަރުން ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.
މަޖިލީހުގައި ތިއްބެވި ކުޅުދުއްފުށި ސިޓީގެ ދެ މެންބަރުންނަކީ ވެސް ވެރިކަން ކުރާ އެމްޑީޕީގެ ދެ މެންބަރުންނެވެ.
އެއީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފްއާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދެވެ.
އެމްޑީޕީގެ މެންބަރުން ފާސްކޮށް ބަލައިގަތް އެ ބިލުގެ ވޯޓުގައި ކުޅުދުއްފުށީގެ ދެ މެންބަރުން ބައިވެރިވެވަޑައިނުގެންނެވިއިރު، އެމްޑީޕީގެ ހަތަރު މެންބަރަކު ވަނީ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ވެސް ދެއްވައިފައެވެ.
ބިލާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންނަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްއާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުއާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ.