twitterviber whatsapp telegramfacebookyoutube instagram
9th August 2025

ކައުންސިލްތަކާއި ރައްޔިތުން ދެކޮޅު ހަދަމުންދަނިކޮށް އަތޮޅުތައް ނިކަމެތިކުރާ ބިލް ފާސްކޮށްފި

Aug 6, 2025

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ. އެ ބިލް ފާސްކުރީ 50 އަށްވުރެގިނަ ކައުންސިލުން އެކަމުގެ ކަންބޮޑުވުންފާޅުކޮށް ދެކޮޅު ހަދާފައިވަނިކޮށެވެ.

ކޮމިޓީ މަރުހަލާގައި މާ ގިނަ ބަދަލުތަކެއް ނުގެނެސް މި ބިލު ފާސްކުރީ 51 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ އަށް މެންބަރުން ވޯޓު ދެއްވި އެވެ.

މި ބިލު ފާސްނުކޮށް، އަނބުރާ ގެންދިޔުމަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ވަނީ ގޮވާލާފަ އެވެ. އޭގެ ތެރޭގައި ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ވެސް ހިމެނެ އެވެ. އިދިކޮޅު އެމްޑީޕީން ވެސް ވަނީ މި ބިލު ފާސްކުރުމަކީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވައިލުން ކަމަށް ބުނެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާފަ އެވެ.

މި ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ދިނީ އެންމެ 24 ގަޑިއިރަށް ވުރެ ކުރު މުއްދަތެކެވެ. ނަމަވެސް، އެ މުއްދަތުގައި ވެސް ބައެއް ޖަމިއްޔާތަކާއި ކައުންސިލްތަކާއި ޕާޓީތަކުން ބިލާ މެދު ދެކޭ ގޮތް މަޖިލީހާ ހިއްސާކުރި އެވެ.

ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް މިހާރު ވިޔަފާރި ކުރެވުނު ނަމަވެސް ބިލުގައި ވަނީ އެކަމަށް ހުރަސްތަކެއް ކުރިމަތި ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.

ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.

އޭގެ އިތުރުން، ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355