ރޭ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މެޗުގެ ކުރީކޮޅު ޖަރުމަނުގެ މެޓް ހަމަލްސް އަތުން ބައިކޮޅަށް ވަން ލަނޑާއެކު 1 – 0 ގެ ނަތީޖާއަކުން ކުރިހޯދައި ފުރާންސްއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ފުރާންސްގެ ލޫކަސް ހެނާންޑޭޒް ހުރަސްކޮށްލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޖަރުމަނުގެ ޑިފެންޑަރު ހަމަލްސް އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗުގައި ފުރާންސުން ލީޑު ނެގިއެވެ. އޭނާ މަސައްކަތްކުރީ ކޯނަރަކަށް ބޯޅަ ބޭރުކޮށްލެވޭތޯ ކަމުގައި ނަމަވެސް ނަސީބު ދެރަކަމުން އެލަނޑު ވަނީ ބައި ގޯލަށެވެ.
އޭގެ ދެމިނެޓު ފަހުން މެޗުގެ ނަތީޖާ ހަމަކުރަން ޖަރުމަނުގެ ތޯމަސް މުލާއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ. މިއީ އެޓީމުގެ ގޯސެންސް ތަނަވަސްކުރި ފުރުސަތެއްގައި މުލާ އުފެއްދި ހަމަލާއެކެވެ.
ފުރަތަމަ ހާފުގައި އެކަށީގެންވާ ހަމަލާތަކެއް ދެޓީމުން ކުރެ އެއް ޓީމަކަށް ވެސް އުފެއްދިފައެއް ނުވެއެވެ. މިހާފު ނިމިފައިވަނީ 1 – 0 ގެ ނަތީޖާއަކުން ފުރާންސް ކުރީގައި އޮވެގެންނެވެ.
ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާއެއް އުފެއްދުނު ކަމުގައިވި ނުވި ނަމަވެސް ދެވަނަ ހާފުގައި ޖަރުމަނަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ 54 ވަނަ މިނެޓުގައި ޖަރުމަނުގެ ސާޖް ގްނެބްރީއަށް ލިބުނު ފުރުސަތެވެ. ޖަރުމަނުން ނެގި ހުރަހެއްގައި ގްނެބްރީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ގޯލަށް ވަނެވެ. ނަމަވެސް ރެފްރީ ނިންމާފައިވަނީ އެމްބާޕޭއަށް ބޯޅަ ލިބުންއިރު އޭނާ އޮތީ އޮފްސައިޑްގައި ކަމަށެވެ.
މީގެ ވިއްސަކަށް މިނެޓު ފަހުން އަނެއްކާވެސް ކީލިއަން އެމްބާޕޭއަށް ލިބުނު ފުރުސަތެއްގައި އަރާ ބެންޒެމާއަށް ހުރަސްކޮށްލި ބޯޅަ ބެންޒެމާވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ނަމަވެސް މިފަހަރުވެސް ރެފްރީ ނިންމާފައިވަނީ ބޯޅަ ލިބުންއިރު އެމްބާޕޭ އޮތީ އޮފްސައިޑްގައި ކަމަށެވެ.
މިއަދު މިމުބާރާތުގައި ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު ރާއްޖެ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު ބައްދަލުކުރާނީ ރަޝިއާއާ ފިންލޭންޑެވެ. އަދި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވޭލްސްއާއި ތުރުކީއެވެ.