ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފިންލޭންޑާ ރަޝިއާ ބައްދަލުކުރި މެޗުން ރަޝިއާ ކުރި ހޯދައިފިއެވެ. މި މެޗުގައި ފިންލޭނަޑްގެ މައްޗަށް ރަޝިއާއިން ކުރި ހޯދާފައިވަނީ 1 – 0 ގެ ހަނި ތަފާތަކުންނެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ރަޝިއާއަށް ވަނީ ވަރަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މެޗުގައި ރަޝިއާއިން ފިންލޭންޑްގެ ގޯލާ އަމާޒުކޮށް 14 ހަމަލާ ފޮނުވާލާފައިވާއިރު ފިންލޭންޑުން ވަނީ 11 ހަމަލާ ފޮނުވާލާފައެވެ.
މެޗު ފަށައިގެން ވަރަށް ކުރީކޮޅު ފިންލޭންޑުގެ ރައިޓާލާ ނަގައިދިން ހުރަހަކުން ޔޮއެލް ޕޯޔަންފާލޯ ވަނީ އޭނާގެ ބޮލުން ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމުގައެވެ.
އޭގެފަހުން ރަޝިއާގެ ޓީމުންވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އެޓީމުގެ ޒޫބާ ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ނަމަވެސް އޭނާއަށް ވަނީ މި ފުރުސަތުގެ ބޭނުން ރަނގަޅަށް ކުރެވޭ ގޮތް ނުވެފައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރަޝިއާއަށް ކާމިޔާބުކޮށްދިނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލައިގެން މިރަންޗުކްއެވެ.
ދެވަނަ ހާފުގައި ފިންލޭންޑްގެ ޕޫކީއަށް ވަނީ މެޗުގެ ނަތީޖާ ހަމަކުރަން ރަނގަޅު ފުރުސަތެއް ލިބި ލަނޑެއް ޖެހޭގޮތް ނުވެފައެވެ. ޕޫކީ ފޮނުވާލި ބޯޅަ އަމާޒުވީ ރަޝިއާގެ ކީޕަރުގެ އަތަށެވެ.
މިމޮޅާއެކު ރަޝިއާއަށް ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އާވެފައެވެ. ފިންލެންޑުން މިމެޗު ކާމިޔާބުކުރިނަމަ އެޓީމަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތެވެ. ފިންލޭންޑުން ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބައްދަލުކުރާނީ ބެލްޖިއަމާއެވެ.