twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ވޭލްސް އަތުން ބަލިވެ ތުރުކީއަށް ދެވަނަ ބުރަށް ދާން އޮތް ފުރުސަތު ހަނިވެއްޖެ

މުޙައްމަދު އަހުމަދު
Jun 17, 2021

މިރޭ ތުރުކީއާއި ވޭލްސް ބައްދަލުކުރި މެޗު 2 – 0 ން ވޭލްސްއިން ކާމިޔާބުކޮށްފިއެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި މިދެޓީމު ވާދަކުރި ފުރަތަމަ މެޗެވެ.

މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ތުރުކީންކަމުގައިވީ ނަމަވެސް މެޗުގައި ތުރުކީއަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. މެޗުގައި ތުރުކީން ވަނީ ވޭލްސްގެ ގޯލާ ދިމާލަށް 18 ހަމަލާ ފޮނުވާލާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން 3 މިނެޓަށް ވެފައި ވަނިކޮށް ވޭލްސްގެ ފަރާތުންނެވެ. މިލަނޑަކީ ޓީމުގެ ކެޕްޓަން ގެރެތު ބޭލް ތުރުކީގެ ޑިފެންސްލައިން މަތިން ވަރަށް ރީތިކޮށް ޖައްސާލި ބޯޅައެއް އާރޮން ރާމްސީ މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފުގައި މެޗުގެ ނަތީޖާ ހަމަކުރަން ތުރުކީއަށް ވަނީ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ތުރުކީގެ ކެޕްޓަން ބުރަކް ޔިލްމާޒް ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި މަތިން ބޭރަށެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ގެރެތު ބޭލްއަށް ތުރުކީގެ ޒެކީ ޗެލިކް ކުރި ފައުލަކާ ގުޅިގެން ވޭލްސްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ބޭލް ފޮނުވާލި ޕެނަލްޓީ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

މެޗުގެ ދެވަނަ ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ވޭލްސްގެ ކޮނަރ ރޮބާޓްސްގެ ފަރާތުންނެވެ. ބޭލް ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިން ވޭލްސްއިން ވަނީ މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ގުރޫޕް އޭގެ ދެވަނަ މެޗުގައި މިރޭ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރު އިޓަލީ ނުކުންނާނީ ސުވިޒަލޭންޑާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355