ރޭ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި 3 – 0 ގެ ނަތީޖާއަކުން ސްވިޒަލޭންޑްގެ މައްޗަށް ކުރިހޯދައި އިޓަލީން ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ. މިއީ މިފަހަރުގެ މުބާރާތުގައި ދެވަނަ ބުރުން ޖާގައެއް ހޯދި ފުރަތަމަ ޓީމެވެ.
ރޭގެ މެޗު ފަށައިގެން އިޓަލީން ވަނީ ސްވިޒަލޭންޑްގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ސްޕިނަޒޯއްލާ ނަގައިދިން ހުރަހަކުން ޗިރޯ އިމްމޯބިލޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ފެނިގެންދިޔައީ މެޗުގެ 18 ވަނަ މިނެޓުގައި ޗިއެލީނީގެ ފަރާތުންނެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑުޖެހުމުގެ ކުރިން އޭނާގެ އަތުގައި ބޯޅައިން ޖެހިފައިވާ ކަމަށެވެ.
މެޗުގެ 26 ވަނަ މިނެޓުގައި އިޓަލީގެ ޑޮމެނިކޯ ބެރާޑީ ގޯލު ކުރިމައްޗަށް ފަޅިކޮށްލި ބޯޅަ ލޮކަޓެއްލީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިޓަލީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމުނީ 1 – 0 ން އިޓަލީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން މާ ލަސްތަކެއްނުވެ 52 ވަނަ މިނެޓުގައި އިޓަލީން ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭރިއާ ބޭރުގައި ހުރެފައި ލޮކަޓެއްލީ ފޮނުވާލި ހަމަލާ ގޯލަށް ވަންއިރު ސްވިސްގެ ކީޕަރަށް ހުރެވުނީ ބަލަހައްޓައިގެނެވެ. އޭގެ ނުވަވަރަކަށް މިނެޓު ފަހުން ސްވިޒަލޭންޑަށްވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ޝަގީރީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ.
މެޗުގެ 89 ވަނަ މިނެޓުގައި އިޓަލީގެ ތިންވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ޗިރޯ އިމްމޯބިލޭއެވެ. އޭރިއާ ބޭރުގައި ހުރެފައި އިމްމޯބިލޭ ފޮނުވާލި ބޯޅަ ކީޕަރު ސޮމާގެ އަތުގައި ލައްވައި ނުލައި ވަނީ ގޯލުގެ ކަނަށެވެ.
މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު ބައްދަލުކުރާނީ ޔޫކްރޭނާއި ނޯތު މެސެޑޯނިއާއެވެ. އަދި މިރޭ 9 ޖަހާއިރު ބައްދަލުކުރާނީ ބެލްޖިއަމާއި ޑެންމާކެވެ.