twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ކަރަންޓީނާ ހިލާފުވާކަމުގެ ޝަކުވާއާއެކު ގެތައް ބަލަން އިދާރާތަކުން ނުކުމެއްޖެ

އަބްދުލް ވާހިދު ޙަސަން
Jun 17, 2021
3

ކުޅުދުއްފުށީގައި ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން އުސޫލާ ހިލާފުވާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ބެލުމަށް ކަމާ ގުޅުން ހުރި ފަރާތްތަކުން ގެތަކަށް ޒިޔާރާތްކުރަން ފަށައިފި އެވެ.

މޭޔަރު އިސްވެ ހުންނަވައިގެން ފެއްޓެވި މި ޕްރޮގުރާމްގެ މަގުސަދަކީ ކަރަންޓީނު އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި ޔަގީން ކުރުމެވެ.

ބުދަ ދުވަހު ފެށި މި ޕްރޮގުރާމުގައި މޭޔަރާއެކު ބައެއް މެމްބަރުންނާއި ފުލުހުން އަދި ރެޑްކުރެސެންޓްގެ އޮފިޝަލު ހަރަކާތްތެރިވި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ދާއޫދު ކޭއޯއަށް ވިދާޅުވީ، އެގޮތުން އިއްޔެ ކަރަންޓީނުގައި ހުރި 40 ގެޔަކަށް ޒިޔާރާތްކޮށް އެތަންތަނުގެ ހާލަތު ބަލާފައިވާ ކަމަށެވެ.

އަދި އެތަންތަން ހުރި އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ތޯ ބަލައި ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މުހައްމަދު ވިދާޅުވީ 40 ގެޔަށް ޒިޔާރާތްކުރިއިރު ދެ ގެތަކުން އުސޫލާ ހިލާފުވެފައިވާކަން ފާހަގަކުރެވުނު ކަމަށާއި އެ ގެތަކަށް ނަސޭހަތްދީފައިވާ ކަމަށެވެ.

އުސޫލާ ހިލާފުވި ދެ ގެޔަށް ފުލުހުން ފިޔަވަޅު އަޅާނެކަމަށާއި ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އޭނާ އިލްތިމާސްކުރި އެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ކަރަންޓީނުކޮށްފައިވާ ގެތަކަށް ޓީމުތައް ޒިރާޔާތްކޮށް އުސޫލުތަކަށް އަމަލުކުރޭތޯ ޔަގީންކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަރަކާތްތަކުގައި ރެޑްކުރެސެންޓާއި ފުލުހުން އަދި ހޮސްޕިޓަލުގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.

ކުޅުދުއްފުށި ސިޓީގައި ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން އެ އުސޫލާ ހިލާފަށް އަމަލުކުރަމުންދާ ކަމުގެ ގިނަ އަދަދެއްގެ ޝަކުވާ ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅަމުންދާ ކަމަށާ އެކަމާ ގުޅިގެން އެންމެންގެ ރައްކަލަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ހަނދާކޮށްދީފި އެވެ.

ކަރަންޓީނުގައި ތިބޭ ފަރާތްތަކުން އުސޫލުތަކަށް އަމަލުކުރުމަށް ހަނދާންކޮށްދީ މީގެ ކުރިން ކައުންސިލުން ނެރުނު އިއުލާނުގައ ބުނެފައިވަނީ އެންމެ ގިނައިން ހުށަހެޅޭ ޝަކުވާތަކުގެ ތެރޭގައި ކަރަންޓީނު ކުރެވޭ ބައި ވަކި ކުރުމަށް ޖަހާފައި ހުންނަ ޕާޓިޝަން ނައްޓައި އެކުވެ އުޅޭ މައްސަލަ އާއި ކަރަންޓީނު ކުރެވޭ ގެތަކަށް މީހުން ވަންނަ މައްސަލަ އަދި ކަރަންޓީނުގައި ތިބޭ ފަރާތްތައް ބޭރަށް ނުކުންނަކަމުގައި ޝަކުވާ ހިމެނޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355