މިރޭ ބެލްޖިއަމާ ޑެންމާކް ބައްދަލުކުރާ މެޗުގައި ޑެންމާކްގެ ކްރިސްޓަން އެރިކްސަން ޓުރިބިއުޓްއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބެލްޖިއަމުން ބުނެފިއެވެ.
ބެލްޖިއަމްގެ ފޯވާޑް އަދި އެރިކްސަންއާއެކު އިންޓަމިލާނަށް ކުޅޭ ރޮމެލޫ ލުކާކޫ ބުނިގޮތުގައި އެރިކްސަންއަށް އިޙްތިރާމްކުރުމުގެ ގޮތުން އަތްތިލަބަނޑިއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ބޯޅަ ކުޅުމުގެ ތެރެއިން ބޭރަށް ފޮނުވާލުމަށްފަހު އަތްތިލަބަޑި ދޭން ނިންމާފައި ވާއިރު 10 ވަނަ މިނެޓުގައި މިކަން ކުރަން ނިންމީ އެރިކްސަން ޖާޒީ ނަންބަރަކީ 10 ކަމުގައި ވާތީއެވެ.
ލުކާކޫ އިތުރަށް ބުނެފައިވަނީ އޭނާގެ ޓީމުގެ ވަރަށް ގިނަ ކުޅުންތެރިންނަކީ އެރިކްސަންއާއެކު ކުޅެފައިވާ ކުޅުންތެރިން ކަމުގައެވެ. އެކަމަކު މިރޭގެ މެޗަށް ނުކުންނާނީ މޮޅުވާން ކަމަށާއި މިރޭގެ މެޗަކީ އުދަނގޫ މެޗަކަށް ވާނެ ކަމުގައެވެ.
މިދިޔަ ހޮނިހިރު ދުވަހު ރަޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެލަނޑު ކާމިޔާބުކުރި ލުކާކޫ ވަނީ ލަނޑު ޖެހުމަށް ފަހު ކެމެރާ ކުރިމަތީ ހުއްޓިފައި އެރިކްސަންއަށް އިޙްތިރާމް ކުރުމުގެ ގޮތުން ހިތްވަރުގެ މެސެޖެއް ދީފައެވެ.
މިރޭ ޑެންމާކާ ބެލްޖިއަމް ބައްދަލުކުރާ މެޗު ކުޅެން ހަމަޖެހިފައިވަނީ ޕާކެން ސްޓޭޑިއަމްގައެވެ. މިއީ އެރިކްސަން ހާޓް އެޓޭކް ޖެހިގެން ވެއްޓުނު މެޗުވެސް ކުޅެވުނު ދަނޑެވެ.
ޑެންމާކުގެ މެނޭޖަރ ކޭސްޕާ ހިޖުލްމަން ބުނިގޮތުގައި މިދަނޑަށް އަލުން އަނބުރާ އައުން ވެގެންދާނީ ވަރަށް އުދަނގޫ ކަމެއް ކަމަށާއި އަހަރެމެން އުއްމީދުކުރަނީ ސަޕޯޓަރުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބޭނެކަމަށެވެ. އަދި އޭނާ ބުނީ އެކަމަށް ޖެހޭނީ ތައްޔާރުވެގެން ތިބެ ޕޮސިޓިވް ގޮތެއްގައި އެ އެނާޖީގެ ބޭނުން ހިފަންކަމަށެވެ.
މިރޭގެ މެޗު ވެގެންދާނީ ޑެންމާކަށް މޮޅުވާން ވަރަށް އުދަނގޫ މެޗަކަށެވެ. ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެރިކްސަންއާ ނުލައި ޑެންމާކުން މެޗަށް ނުކުންނައިރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިބުނު އަނިޔާއިން ރިކަވާވެގެން ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބުރޭނާ ވެސް މިރޭގެ މެޗުގައި ފެނިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ބެލްޖިއަމް މިވަގުތު އޮތީ ދުނިޔޭގެ ރޭންކިންގެ އެއްވަނާގައެވެ.
މިމެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ޑެންމާކްގެ ކޮޕެންހޭގަންގައެވެ.