ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޔޫކްރޭނާއި ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗު ޔޫކްރޭނުން ކާމިޔާބުކޮށްފިއެވެ. މިމެޗު ޔޫކްރޭނުން ކާމިޔާބު ކުރީ 2 – 1 ގެ ނަތީޖާއަކުންނެވެ.
މިމެޗުން ބަލިވުމާއެކު މެސެޑޯނިއާއަށް ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިދާނެކަމުގެ ބިރުހީވެފައެވެ. އަނެއް ކޮޅުން މިމޮޅާއެކު ޔޫކްރޭނުންވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް އޮތް އުއްމީދު އާކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ފެށުނީއްސުރެ ޔޫކްރޭނުން ވަނީ މެސެޑޯނިއާ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ލަނޑެއް ޖެހުމަށް ޔޫކްރޭނުން ކުރަމުންއައި މަސައްކަތް ކާމިޔާބުވީ މެޗުގެ 29 ވަނަ މިނެޓުގައި ޔޫކްރޭނަށް ލިބުނު ކޯނަރަކުން ތަނަވަސްވި ބޯޅައެއް އެޓީމުގެ ކެޕްޓަން އަންޑްރޭ ޔާމެލަންކޯ ތިރިން ގޯލަށް ފޮނުވާލައިގެނެވެ.
މެޗުގެ ދެވަނަ ލަނޑު 34 ވަނަ މިނެޓުގައި ޔޫކްރޭނަށް ކާމިޔާބުކޮށް ދިނީ ރޯމަން ޔަރެމްޗުކެވެ. އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅަ ގޯލަށް ވަންއިރު މެސެޑޯނިއާ ކީޕަރަށް ކުރެވުނު ކަމެއް ނެތެވެ.
މެޗުގެ ދެވަނަ ހާފުގައި މެސްޑޯނިއާއިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ލިބުނު ޕެނަލްޓީއެއް ޔޫކްރޭންގެ ކީޕަރު ދިފާއުކުރުމުން ނުކުތް ބޯޅަ ދެވަނަ ފަހަރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެނެވެ. ޔޫކްރޭނަށް ވެސް މިމެޗުގައި ޕެނަލްޓީއެއް ލިބުނުކަމުގައިވީ ނަމަވެސް މި ޕެނަލްޓީ މެސެޑޯނިއާގެ ކީޕަރު ސްޓޯލް ދިމިޓްރިއޮސްކީ ވަނީ ދފާއުކޮށްފަ އެވެ.
ގުރޫޕް ބީގައި މިރޭ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރު ބައްދަލުކުރާނީ ނެދަލޭންޑްސްއާ އޮސްޓްރިއާއެވެ.