މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ.ފުނަދޫ ޕޮލިސް ސްޓޭޝަނާއި، ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި، ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން އަދި ތ.ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްގެ އިތުރުން 36 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ ހދ. އަތޮޅު ފެރީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އެ ފެރީގައިހުރި ފޮށިގަނޑެއް ބަލައިފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު ހޯދާފައިވާކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
މި މައްސަލަތަކުގައި 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ށ. އަތޮޅު ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 16 ވަނަ ދުވަހުގެ 17:18 ހާއިރު އެ ރިސޯޓުންނެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ކުޑަ ދަޅަކާއި ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެވެ.
ދ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 16 ވަނަ ދުވަހުގެ 15:04 ހާއިރު 32 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވެއެވެ. އޭނާ ހުއްޓުވައި އޭނާ އެވަގުތު ހިފައިގެންހުރި ޑަބިޔަލެއް ބަލައިފާސްކުރިއިރު އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން މި މަހުގެ 15 ދުވަހު ހިންގި އޮޕަރޭޝަނެއްގައި 36 އަހަރުގެ މީހަކު ތިމަރަފުށި މަގުމަތިން ހައްޔަރު ކޮށްފައިވެއެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރަމުންދިޔައިރު އޭނާ ހުރިދިމާ ބިންމަތިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލަތައް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.