twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅެވުނު މެޗުގައި ކޮރޭޝިއާއާއި ޗެކް ރިޕަބްލިކަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

މުޙައްމަދު އަހުމަދު
Jun 18, 2021

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ ޗެކް ރިޕަބްލިކާއި ކޮރޭޝިއާ ބައްދަލުކުރި މެޗު 1 - 1 ން އެއްވަރުވެގެން ނިމިއްޖެއެވެ. މިމެޗުގައި ދެޓީމުގެ ކުޅުންތެރިންގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފާވާއިރު މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑުނަގާފައިވަނީ ޗެކް ރިޕަބްލިކުންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޗެކް ރިޕަބްލިކަށް މިލަނޑު ކާމިޔާބުކޮށްދިނީ ޕެޓްރިކް ޝިކްއެވެ. ޝިކް މިމެޗުގައި ޖަހައިދިން ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށެވެ.

އޭގެ ދެމިނެޓް ފަހުން ކޮރޭޝިއާއަށް ވަނީ މެޗުގެ ނަތީޖާ ހަމަކޮށްލަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ކޮރޭޝިއާގެ އެންޓޭ ރެބިޗް ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފު ނިމުނީ 1 ލަނޑުގެ ތަފާތުން ޗެކް ރިޕަބްލިކް ކުރީގައި އޮވެގެނެވެ.

ދެވަނަ ހާފުގައި ކޮރޭޝިއާއިން ވަނީ މެޗުގެ ނަތީޖާ ހަމަކޮށްފައެވެ. އަންޑްރޭޖް ކުރަމަރިޗް ނަގައިދިން ފްރީ ކިކެއްގައި ތަނަވަސްވި ބޯޅައަކުން ކޮރޭޝިއާއަށް މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިވާން ޕެރިސިޗެވެ. އޭރިއާ ކަނުގައި ހުރެފައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން ޕެރިސިޗް ކާމިޔާބުކޮށްދިން މިލަނޑަކީ މުބާރާތުގައި ފެނުނު އެންމެ ރީތި ލަނޑުތަކުގެ ތެރެއިން އެއްލަނޑެވެ. މިލަނޑަށް ފަހުވެސް ކޮރޭޝިއާއަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މުބާރާތުގައި ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންގްލޭންޑާއި ސްކޮޓްލޭންޑެވެ. މިމެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު ބާރަ ޖަހާއިރު އިންގްލޭންޑްގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355