ބްރެޒީލިއާ (ޖޫން 19) ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިއަދު އާޖެންޓީނާއާ އުރުގުއޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އާޖެންޓީނާއިން މިފަހަރުގެ މުބާރާތުގައި އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ފުރަތަމަ މެޗުން ޗިލީ ކައިރިން އެއްވަރުވެފައިވާ އާޖެންޓީނާއަށް މިމެޗުން މޮޅެއް ހޯދުންވީ ވަރަށް މުހިއްމު ކަމަކަށެވެ. މެޗު ފެށުނީއްސުރެ ކުރިއަށް ޖެހިގެން ލަނޑެއް ޖެހޭތޯ ދެޓީމުން މަސައްކަތް ކުރަމުން ދަނިކޮށް މެޗުގެ 13 ވަނަ މިނެޓުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގީޑޯ ރޮޑްރިގޭޒް ވަނީ އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ.
މެޗުގެ 27 ވަނަ މިނެޓުގައި އާޖެންޓީނާގެ ނިކޮލަސް ގޮންޒާލޭޒްއަށް ވަނީ އާޖެންޓީނާއަށް މެޗުގައި ލީޑު ފުޅާކޮށްދޭން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ގޮންޒާލޭޒް ފޮނުވާލި ހަމަލާ އުރުގުއޭގެ ކީޕަރު މުސްލޭރާވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1 - 0 ގެ ތަފާތަކުން އާޖެންޓީނާ ކުރީގައި އޮވެގެނެވެ.
މުޅި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އުރުގުއޭއިން ނަމަވެސް އެޓީމަށް އާޖެންޓީނާގެ ގޯލާ ސީދާކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. ދެވަނަ ހާފްގައި އުރުގުއޭގެ ލުއިސް ސުއަރޭޒްއަށް ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލާ އަމާޒުނުވެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މިއާއެކު މިގުރޫޕްގެ އެއްވަނައިގައި 4 ޕޮއިންޓާއެކު ޗިލީ އޮތްއިރު ދެވަނައިގައި އޮތީ އާޖެންޓީނާއެވެ. ތިންވަނައިގައި ޕެރަގުއޭ އޮތްއިރު ހަތަރުވަނައިގައި އޮތް އުރުގުއޭއަށް އަދި ފަސްވަނައިގައި އޮތް ބޮލީވިއާއަށް އެންމެ ޕޮއިންޓެއްވެސް ލިބިފައެއްނުވެއެވެ.