އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލުން މިއަދު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 1-0 އިން ޕެރޫ ބަލިކޮށް ކޮޕާ އެމެރިކާ ފުޓަބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލުން ވަނީ 4-0 އިން ޕެރޫ ބަލިކޮށްފަ އެވެ. 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ޗެމްޕިއަންކަން ވެސް ބުރެޒިލުން ހޯދީ ފައިނަލުގައި ޕެރޫ ބަލިކޮށްފަ އެވެ. ނަމަވެސް މިފަހަރު ބުރެޒިލުން މިވަނީ ސެމީގައި ޕެރޫ ކަޓުވާލާފަ އެވެ. މި ފަހަރުގެ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ބްރެޒިލް ކުޅޭނީ ސެމީގެ އަނެއް މެޗުގައި އާޖެންޓީނާ އާއި ކޮލަމްބިއާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ބްރެޒިލުން ކުއާޓާ ފައިނަލުގައި ޗިލީ ބަލިކުރި މެޗުގެ ހަމައެކަނި ގޯލު ޖެހި ޕަކޭޓާ ވަނީ މިމެޗުގައި ބްރެޒިލުން ޖެހި ހަމައެކަނި ގޯލު 35 ވަނަ މިނެޓުގައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބުރެޒިލަށް ލީޑު ނަގައިދީފަ އެވެ. ނޭމާ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ޕެރޫގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ހުސްކޮށް ޕަކޭޓާ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
މިމުބާރާތުގެ ފައިނަލް ކުޅެވޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އެވެ.