twitterviber whatsapp telegramfacebookyoutube instagram
19th April 2024

28 އަހަރަށް ފަހު އާޖެންޓީނާ ދެކުނު އެމެރިކާގެ ރަސްކަމަށް

މުޙައްމަދު އަހުމަދު
Jul 11, 2021

އެންމެފަހުގެ ޗެމްޕިއަން ބުރެޒިލް ބަލިކޮށް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތަށި 28 އަހަރަށްފަހު އާޖެންޓީނާ އިން އުފުލާލައިފި އެވެ.

ބުރެޒިލްގެ ރިއޯ ޑި ޖަނެރިއޯގައި 1 - 0 ން އާޖެންޓީނާ އިން ބުރެޒިލް ބަލިކުރިއިރު މިކާމިޔާބީ އެންމެ ހާއްސަވާ ކުޅުންތެރިޔަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ މެސީ ގައުމީ ޓީމާއެކު ކާމިޔާބުކުރި ފުރަތަމަ ބޮޑުމުބާރާތެވެ. ނަމަވެސް މީގެ ކުރިންވެސް މެސީ ވަނީ 4 ފައިނަލެއްގައި ކުޅިފަ އެވެ. 4 ފަހަރުވެސް ނާކާމިޔާބުގެ ހިތި ރަހަ ލުމަށް އޭނާ މިވަނީ ބޮޑު މުބާރާތެއްގެ ތަށީގައި އަތްޖައްސާލާފަ އެވެ. މީގެ ކުރިން މެސީ އާޖެންޓީނާ އެއްކޮށް ކުޅިފައިވަނީ 3 ކޮޕާ އެމެރިކާ ފައިނަލާ އެއް ވޯލްޑް ކަޕް ފައިނަލެވެ.

މިފަހަރުގެ ތަށީގެ އިތުރަށް މެސީ އާޖެންޓީނާއާ އެއްކޮށް ހޯދައިފައިވާ ކާމިޔާބީތަކަށް ބަލާލާއިރު މެސީ ވަނީ އެޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑް ކަޕާއި 2008 ވަނަ އަހަރުގެ އޮލިމްޕިކް ފުޓްބޯޅަ އިވެންޓުގެ ރަން މެޑެލް ހޯދާފަ އެވެ. އަދި އެޓީމު އެންމެ ފަހުން ކޮޕާ އެމެރިކާ ކާމިޔާބުކުރީ 1993 ވަނަ އަހަރު އެވެ. ނަމަވެސް އެފަހަރުގެ ޓީމުގައި މެސީ އެއް ނުހިމެނެ އެވެ.

މަރަކާނާ ސްޓޭޑިއަމްގައި މެޗު ފަށައިގެން ދެޓީމުން ވެސް ކުޅެމުން ގެންދިޔައީ ފިޒިކަލް ގޭމެކެވެ. ގިނަ ފައުލްތަކެއް ފެނިގެންދިޔަ މިމެޗުގައި އާޖެންޓީނާގެ ހަމައެކަނި ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންހެލް ޑި މަރިއާ އެވެ. އެޓީމުގެ ހާފު ތެރެއިން ރޮޑްރީގޯ ޑެ ޕޯލް އަށް ލިބުނު ބޯޅަ އެންހެލް ޑި މަރިއާ އަށް ޖައްސާލުމުން ޑި މަރިއާ ވަނީ ހަމަޖެހިލާފައި އޭރިއާ ތެރެއަށް ވަދެ ކީޕަރު ބޯމަތިން ހިއްލާލި ޗިޕް ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ. މެޗުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ދެޓީމަށް ވެސް ވަނީ ގޯލުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން މެޗު ނިމެން ގާތްވެފައިވަނިކޮށް މެސީއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. ނަމަވެސް އެބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

މިރޭ ކުޅެވޭނީ ޔޫރޯ ފައިނަލެވެ. މިމެޗުގައި ބައްދަލުކުރާނީ އިޓަލީ އާއި އިންގްލޭންޑެވެ. މިމެޗު ފަށާނީ ރާއްޖެގަޑިން ދަންވަރު ބާރަ ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355