ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޖަރުމަނާއި ޕޯޗުގަލް ބައްދަލުކުރާ މެޗު ވެގެންދާނީ މިމުބާރާތުގައި ކުޅެވޭ މެޗުތަކުގެ ތެރެއިން ވަރަށް ވަރުގަދަ މެޗަކަށެވެ. ޕޯޗުގަލްއަކީ މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ. އަދި ޖަރުމަނުންވަނީ ހަތަރު ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. ނަމަވެސް މިފަހަރު ދެޤައުމުން ވެސް ނެރެފައިވަނީ މުޅިން އާ ޒުވާން ސްކޮޑްތަކެކެވެ.
ސުވާލަކީ ޖަރުމަނުން މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ހިމަނާނީ ކޮން ކުޅުންތެރިންނެއް ބާވައެވެ. ފުރަތަމަ މެޗުން ފްރާންސް އަތުންވީ ބައްޔާއެކު ޖަރުމަނުގެ ޓީމު އޮންނާނީ މޮޅަކަށް ފެންބޮވައިގަންފައެވެ. މިރޭގެ މެޗުން މޮޅެއް ހޯދުމަކީ މުބާރާތުގައި ކުރިއަށްދާން އެޓީމަށް ވަރަށް މުހިއްމު ކަމެކެވެ. ބުރޫނޯ ފަނާންޑޭސްއާއި ކްރިސްޓިއާނޯ ރޮނާލްޑޯފަދަ ކުޅުންތެރިންގެ ޓީމަކާއެކު މިރޭގެ މެޗަށް ނުކުންނަ ޕޯޗުގަލް ބަލިކުރުމަކީ ޖަރުމަނަށް ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް ޖަރުމަނުގެ ޓީމަކީވެސް ވަރަށް ވަރުގަދަ ކުޅުންތެރިންގެ މައްޗަށް އެކުލަވާލައިފައި އޮތް ޓީމެކެވެ.
މިރޭގެ މެޗަށް ނުކުންނައިރު ޖަރުމަނުގެ ޓީމުގައި އުފާވެރި ހަބަރުތަކެއް ހުރިނަމަވެސް ހާސްވާންޖެހޭ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން ލޫކަސް ކްލޮސްޓަމަންއަށް މުބާރާތުގައި ދެން އިތުރަށް ނުކުޅެވޭނެއެވެ. ނަމަވެސް ބަޔާން މިއުނިކަށް ކުޅޭ ލިއޯން ގޮރެޓްޒްކާއާއި ޖަމާލް މުސިއާލާ މިރޭގެ މެޗަށް ފިޓުވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތެވެ.
މިރޭގެ މެޗަށް ޖަރުމަނުން ނެރޭނެ ފުރަތަމަ އެގާރައަށް ބަލާލާއިރު ޓީމުގެ އެޓޭކަށް މާބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭއިރު މިމެޗުގައިވެސް ކުރީ މެޗެކޭ އެއްގޮތަށް ފައްޓާނެކަމަށް ބެލެވެނީ ސާޖް ގްނެބްރީއާ ތޯމަސް މުލާ އަދި ކައި ހަވާޓްސްއެވެ.
މެދުތެރެއަށް ބަލާލާއިރު ގޮރެޓްޒްކާ މިމެޗަށް ފިޓުވެއްޖެނަމަ އޭނާ ފަށާނެކަމުގެ ބޮޑު ޔަަގީންކަމެއް އޮތްއިރު އޭރަށް ބެންޗުގައި އިނުން އެންމެ ގާތީ އިލްކޭ ގުންޑޮގަންއެވެ. މެދުތެރެއަށް ދެން ފައްޓާނެ ކުޅުންތެރިންނަށް ބަލާއިރު ޖޯޝުއާ ކިމިޗާ ރޮބިން ގޯސެންސް ހިމެނެއެވެ. އަދި ރެއާލް މެޑްރިޑަށް ކުޅޭ ތަޖުރިބާކާރު މިޑްފީލްޑަރު ޓޮނީ ކުރޫސްއަކީ ވެސް ކޯޗުގެ އިތުބާރާއެކު މިރޭ ފައްޓާނެ ކުޅުންތެރިއެއް ކަމުގައި ބެލެވެއެވެ.
ޑިފެންސަށް މާބޮޑު ބަދަލެއް އަންނާނެކަމަށް ނުބެލެވޭއިރު ފްރާންސާއި ދެކޮޅަށް ދެއްކި ކުޅުމަށް ބަލާފައި އެންޓޯނިއޭ ރުޑިގާއާއި މެތިއަސް ގިންޓާވަނީ އެކުޅުންތެރިންނަކީ އިތުބާރު ހިފޭނެ ކުޅުންތެރިންކަން ސާބިތުކޮށްދީފައެވެ. ފުރަތަމަ މެޗުގައި މެޓް ހަމަލްސް އަތުން ބައިކޮޅަށް ގޯލެއް ވަން ކަމުގައި ވިއަސް ފްރާންސާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެންކަމުން މިރޭގެ މެޗުގައިވެސް ޖަރުމަނުގެ ކޯޗު ލޯ އޭނާ ހިމަނާނެ ކަމަށް ބެލެވެއެވެ. ޕޯޗުގަލްގެ އެޓޭކަކީ ވަރުގަދަ އެޓޭކަކަށް ވާއިރު މިރޭގެ މެޗުގައިވެސް ގޯލު ބަލަހައްޓާނެ ކަމަށް ބެލެވެނީ އިތުބާރުހުރި ކީޕަރު މެނުއަލް ނޯޔާއެވެ.
މިމެޗު ފަށަން ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ޖަރުމަނުގެ އެލިއަންޒް އެރީނާގައެވެ. ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ ހިތުގައި މިހާރު އޮންނާނެ ސުވާލަކީ މިރޭގެ މެޗުން މޮޅުވާނީ ކޮން ޓީމެއް ބާވައެވެ؟ މި ސުވާލު އަޅުގަނޑުމެން ދޫކޮށްލާނީ ތިޔަ ބެލުންތެރިންނަށެވެ.