ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ޖަރުމަނުން އެޓީމު ކުޅުން ދެވަނަ މެޗު ކާމިޔާބުކޮށްފިއެވެ. ފުރަތަމަ މެޗުން ބަލިވުމާއި ގުޅިގެން މުބާރާތުގައި ދެމިއޮތުމަށް މިމޮޅު ވެގެން ދިިޔައީ ޖަރުމަނަށް ވަރަށް މުހިއްމު މޮޅަކަށެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޕޯޗުގަލުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ޖަރުމަނަށް ލިބުނު ކޯނަރެއްގައި އެޓީމުގެ ކުޅުންތެރިން ކުރިއަށް އަރައި އޮތް ވަގުތު ބަލާ ޕޯޗުގަލުން އުފެއްދި ކައުންޓާ އެޓޭކެއްގައި އެޓީމުގެ ޑިއެގޯ ޖޮޓާ ގޯލު ކުރިމަތިން ރޮނާލްޑޯއަށް ހުރަސްކޮށްލި ބޯޅަ އޭނާވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އޭގެ 3 މިނެޓު ފަހުން ޖަރުމަނުގެ ރޮބިން ގޯސެންސްއަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ޕޯޗުގަލްގެ ކީޕަރު ޕެޓްރީޝިއޯ ވަނީ މަތަކޮށްފައެވެ.
މެޗުގައި ޖަރުމަނުން ނަތީޖާ ހަމަކުރި ލަނޑަކީ މެޗުގެ 35 ވަނަ މިނެޓުގައި ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ކިމިޗް ނަަގައިދިން ބޯޅަ ގޯސެންސް ހުރަސްކޮށްލި ބޮނޑީގައި ޑިއާސްގެ ފައިގައި ޖެހިފައިވަނީ ގޯލުގެ ތެރެއަށެވެ. މިމެޗުގައި ފުރަތަމަ ފަހަރަށް ޖަރުމަނުން ލީޑުނަގާފައިވަނީ އެޓީމުގެ ފުރަތަމަ ލަނޑުޖެހިތާ ފަސްވަރަކަށް މިނެޓު ފަހުންނެވެ. މިލަނޑަކީވެސް ޕޯޗުގަލް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މުލާ ހުރަސްކޮށްލި ބޯޅަ ބޭރުކޮށްލަން އުޅުމުގެ ތެރޭގައި ޕޯޗުގަލްގެ ރަފޭލް ގުރޭރޯ އަތުން ބޯޅަވަނީ ބައި ގޯލުގެ ތެރެއަށެވެ. ފުރަތަމަ ހާފު ނިމުނީ ފަހަތުން އަރައި ޖެހި ދެލަނޑާއެކު ޖަރުމަނު ކުރީގައި އޮވެގެނެވެ.
ދެވަނަ ހާފު ފަށައިގެން މެޗުގެ 51 ވަނަ މިނެޓުގައި ކައި ހަވާޓްސްވަނީ ޖަރުމަނަށް ލީޑު ފުޅާކޮށްދީފައެވެ. މިލަނޑަކީ އެޓީމުގެ ގޯސެންސް ގޯލު ކުރިމަތިން ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހަވާޓްސް ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެ ނުވަވަރަކަށް މިނެޓު ފަހުން ރޮބިން ގޯސެންސްވަނީ ޖަރުމަނުގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.
ޕޯޗުގަލްގެ ދެވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ކްރިސްޓިއަން ރޮނާލްޑޯއަށް ހަވާޓްސް ކުރި ފައުލަކާ ގުޅިގެން ލިބުނު ފްރީކިކެއްގައި ޖޯއޯ މޮޓީނިއޯ ނަގައިދިން ބޯޅަ ބޭރުވާން ދަނިކޮށް ރޮނާލްޑޯ އެބޯޅަ އަލުން އަނބުރާ ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު ލިބުނު ފުރުސަތެއްގައި ގޯލުކުރިމަތީގައި ހުރެފައި ޑިއެގޯ ޖޮޓާ ފޮނުވާލި ބޯޅަވަނީ ގޯލުގެ ތެރެއަަށް ވަދެފައެވެ.
މިރޭވެސް މިމުބާރާތުގެ މެޗެއް ކުޅެވޭނެއެވެ. މިމެޗުގައި ބައްދަލުކުރާނީ ސްޕޭނާ ޕޮލެންޑެވެ. މިމެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރުއެވެ.